ބާސެލޯނާ (ޖުލައި 29) - އުންމީދަކީ ލިއޮނަލް މެސީ ކެރިއަރު ނިންމާލަން ބާސެލޯނާ އަށް އައުން ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ޖުމްލަ އެކު 21 އަހަރު ބާސެލޯނާގައި ހޭދަކުރި މެސީ ވަނީ އެ ކްލަބްގެ ސީނިއާ ޓީމަށް 17 އަހަރު ކުޅެފަ އެވެ. ހަ ފަހަރު ބެލޮންޑިއޯ ހޯދި މެސީގެ ކެރިއަރުގެ ރަން އަހަރުތައް ގުޅިފައި އޮތީ ބާސެލޯނާއާ އެވެ.
މެސީ، ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކްލަބްގެ މާލީ ހާލަތު ގޯސްވެގެން، ކޮންޓްރެކްޓް އާ ކުރެވޭނެ ގޮތެއް ނުހޯދުމުންނެވެ. މެސީ މިދިޔަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވިއިރު، އޭގެ ފަހުން އޭނާ ބާސެލޯނާ އަށް އަލުން ގެނައުމުގެ ވާހަކަ އެކި ފަރާްތަކުން އަންނަނީ ދައްކަމުންނެވެ.
"ބާސެލޯނާގައި މެސީގެ ކެރިއަރު ނިމުނީ އަހަރެމެންގެ ތެރެއިން އެކަކު ވެސް ހިތްއެދޭ ގޮތަކަށް ނޫން، ބާސެލޯނާ އިން މެސީ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް އެބަހުރި. އެކަން އެންމެ ފުރިހަމަ އަށް ކޮށްދެވެން އޮތީ އަލުން އޭނާ ބާސެލޯނާ ޖޯޒީގައި ކުޅެގެން، އަހަރެންގެ އުންމީދަކީ މެސީ ކެރިއަރު ނިންމާލަން ބާސެލޯނާ އަށް އައުން،" ލަޕޯޓާ ވިދާޅުވި އެވެ.
އުމުރުން 35 އަހަރުގެ މެސީ އަށް ޕީއެސްޖީގައި އަދި އޭނާގެ އަސްލު ކުޅުން ނުދެއްކެ އެވެ. މިދިޔަ ސީޒަނުގައި މެސީ އަށް ޖެހުނީ ކްލަބް ލެވަލްގައި 11 ގޯލެވެ. މިއީ 2008 ގެ ފަހުން ސީޒަނެއްގެ ހުރިހާ މުބާރާތެއްގައި މެސީ 30 ގޯލަށް ވުރެން މަދުން ޖެހި ފުރަތަމަ ފަހަރެވެ.

ލެވަންޑޯސްކީ (ކ) އާއި ލަޕޯޓާ:
މިދިޔަ އަހަރު މާލީ ހާލަތުގެ ސަބަބުން ބާސެލޯނާ އަށް މެސީ ދޫކޮށްލަން ޖެހުނު ނަމަވެސް މި ވަގުތު އެ ކްލަބްގެ މާލީ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.
ބާސެލޯނާ އިން ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ ގަތުމުން އެކަމާ ހިތްހަަމަނުޖެހިގެން ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ބާސެލޯނާ އަކީ މާލީ ހާލަތު ގޯސްކޮށް އޮވެ، އެ މީހުން ބޭނުންވާ ހުރިހާ ކުޅުންތެރިން ގެންނަ ކްލަބެއް ކަމަށާއި އެކަން އެ ޓީމުން ކުރާ ގޮތެއް ނޭނގޭ ކަމަށެވެ.
ނާގަލްސްމަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ލަޕޯޓާ ވިދާޅުވީ ލެވަންޑޯސްކީ ގެނައީ ބަޔާނުން އެ ޑީލް ކުރިއަށްގެންދަން ބޭނުންވީ އަގު ދީފައި ކަމަށާއި އެހެންކަމުން މީގެ ވަކި މީހަކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަަގަކުރައްވައި ލަޕޯޓާ ވިދާޅުވީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ވެސް "ސަޕްރައިޒް" ތަކެއް ފެނިދާނެ ކަމަށެވެ.












