ބާސެލޯނާ (ޖުލައި 28) - ސެވިއްޔާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، ޖޫލްސް ކޫންޑޭގެ ސޮއި ހޯދުމުގެ ރޭހުގައި ޗެލްސީއާ ވާދަކޮށް ބާސެލޯނާ އިން ކާމިޔާބު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބޭނުންވި ތިން ޑީލެއް މީގެ ކުރިން ވެސް ބާސެލޯނާ ކޮޅަށް ވަނީ ނިމިފަ އެވެ. އެ ގޮތުން ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އާއި ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ ހޯދަން ޗެލްސީން މަސައްކަތް ކުރި ނަމަވެސް އެ ދެ ކުޅުންތެރިން ގުޅުނީ ބާސެލޯނާއާ އެވެ. ބާސެލޯނާ ދޫކޮށް، އޮސްމާން ޑެމްބެލޭ ޗެލްސީ އަށް ސޮއިކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު ވަގުތު، ޑެމްބެލޭ ވަނީ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
ޗެލްސީން ކޫންޑޭ ގަންނަން ތިން ބިޑެއް ކުރި އެވެ. އެންމެ ފަހުން ކުރީ 65 މިލިއަން ޑޮލަރުގެ ހުށަހެޅުމެކެވެ. އެ ޑީލަށް ސެވިއްޔާގެ ރުހުން ލިބުނު ނަމަވެސް ފަހު ވަގުތު ބާސެލޯނާ އިން ވަނީ ކޫންޑޭއާ މަޝްވަރާކޮށް ޓްރާންސްފާ ކަންކަން ނިމުމަކާ ހަމައަށް ގެންގޮސްފަ އެވެ.
ބާސެލޯނާ އިން ކޫންޑޭގެ ސޮއި ހޯދަން ހަރަދުކުރާނެ ފައިސާގެ އަދަދެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ކޫންޑޭގެ ސޮއި ހޯދަން ކުރާނީ ޗެލްސީން އެންމެ ފަހުން ހުށަހެޅި ވަރުގެ ބިޑެކެވެ.
ފްރާންސްގެ ބޯޑޯ ދޫކޮށް 2019 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވި ކޫންޑޭ އަކީ ފަހަކަށް އައިސް އެއް ލެވަލެއްގައި ކުޅެމުން އަންނަ މަދު ޑިފެންޑަރުންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. ކޫންޑޭ ގަންނަން އެ ފަހަރު ސެވިއްޔާ އިން 27 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. މީގެ ކުރިން ކޫންޑޭ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު، ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބޭނުންވި ގޮތަށް އެ ޓީމުން ވަނީ އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒްގެ ޓްރާންސްފާ ނިންމައިފަ އެވެ.












