ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން 21، ގައި ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތަށް އަނެއްކާ ވެސް އިތުރު ދެ މީހަކު ފުލުހުންގެ ހައްޔަރުކޮށްފި އެވެ.
ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު، އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެ މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހައްޔަރު ކުރި ބައެއް މީހުން ފަހުން ދޫކޮށްލި އެވެ.
ފުލުހުން މިއަދު ބުނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިއްޔެ ވަގުތެއްގައި އިތުރު ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ އުމުރުން 20 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދު ޝަރުތުތަކަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި މި މައްސަލާގައި ޝައިހް އާދަމް ނިޝާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ބަންދުން އަދި ދޫކޮށްލާފައި ނުވާއިރު އެ މައްސަލަ އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ނެރެފައި ވަނީ އިއްޔެ އެވެ. ނަމަވެސް ގޯގާ ހަރާމް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވެ އެވެ.

އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން މިދިޔަ މެއި މަހު ޔޯގާގެ ހުކުމާ ގުޅޭ ގޮތުން ކުރި ދިރާސާއަކަަށް ފަހު ނެރުނު ފަތުވާގައި ވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީހުންނަށް އޮޅުވާލައިގެން ހިންދޫ ދީނުގެ އަޅުކަންތައް ކުރުން ކަމަށް ބުނެފަ އެވެ.
ޔޯގާ މައްސަލައާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް ބުނެފަ އެވެ.













