ގަލޮޅު ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ފުލުހުންގެ ސެކުއިރިޓީ ފޫއަޅުވާލުމަށް ފަހު އެ ތަނުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި އެތަނުގައި ފުލުހުން ދެމުންދިޔަ ސެކިއުރިޓީއާ ގުޅޭ ގޮތުން ކުރަމުން ދިޔަ ފުލުހުންގެ އެތެރޭގެ ތަހުގީގު ނިމިއްޖެ އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއް އޮތްކަމަށް ފުލުހުން ވަނީ އެއްބަސްވެފަ އެވެ. އަދި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރުމަށް ނިންމި އެވެ. ތަހުގީގު ފެށިތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ތެރޭ އެ މަސައްކަތް ނިމިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އިންޓާނަލް އިންކުއަރީގެ ރިޕޯޓް ވެސް އެކުލާވާލައި، ކޮމިޝަނާ އޮފް ޕޮލިސްއާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ މިހާރު ވާނެ އެ ރިޕޯޓް ވެސް ހިއްސާކޮށްފައި،" ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހް މި ނޫހަށް ވިދާޅުވި އެވެ.
ޔޫނުސް ވިދާޅުވި ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އެންއައިސީގެ އިތުރަށް އެ ދުވަހުގެ މައްސަލަ ގާތުން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ވަޒީރުންގެ ސަބް ކޮމިޓީއާ ވެސް ހިއްސާކޮށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.
"އެ މަޝްވަރާތަކަށް ފަހު، އަދި އެންއައިސީއިން ވެސް ކުރިއަށް ގެންދާ އިންކުއަރީއަށް ފަހު އެ އަޅަން ޖެހޭ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން،" ޔޫނުސް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މައްސަލައިގެ ފަސްފަހަތް
ޔޯގާ ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
މި މައްސަލާގައި 21 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފަ އެވެ. އެގޮތުން، އެކަމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް އިއްޔެ ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާންއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަދިވެސް ހުންނެވީ ބަންދުގަ އެވެ.













