ލަންޑަން (ޖުލައި 24) - ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު، ސެޒާ އަޒްޕިލިކުއޭޓާ ކުޑަ އަގެއްގައި ދޫކޮށްލަން ޗެލްސީން ބޭނުމެއްނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަޒްޕިލިކުއޭޓާ، 32، މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، އަޒްޕިލިކުއޭޓާ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ބޭނުންވާކަން، ޗެލްސީ އަށް އަންގައިފަ އެވެ.
ޗެލްސީ އަށް 10 އަހަރު ކުޅެދިން، އަޒްޕިލިކުއޭޓާ ގަންނަން މަަސައްކަތް ކުރަނީ ބާސެލޯނާ އިންނެވެ. ބާސެލޯނާ އިން އަޒްޕިލިކުއޭޓާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ނިންމާފައިވާއިރު، އޭނާ ގަންނަން 5-7 މިިލިއަން ޑޮލަރުގެ ބިޑެއް ކުރަން ވެސް އޮތީ ނިންމައިފަ އެވެ.
އެކަމަކު، ޗެލްސީން މަދުވެގެން އަޒްޕިލިކުއޭޓާ ވިއްކަން ކިޔާ އަގު އުޅެނީ އެންމެ ކުޑަވެގެން ވެސް 10 މިލިއަން ޑޮލަރުގަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީގައި ހުރި ޑެންމާކް ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަން ވަނީ ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އަދި ޗެލްސީގެ ޖަރުމަނު ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ވެސް ވަނީ ހިލޭ ޑީލެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅިފަ އެވެ.
ދާދި ފަހުން ޗެލްސީން ނަޕޯލީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ގަތުމަށް ފަހު އިތުރު ޑިފެންޑަރުންނަށް ވެސް އަންނަނީ ފާރަލަމުންނެވެ. އެ ގޮތުން ޗެލްސީން އަންނަނީ ސެވިއްޔާގެ ފްރާންސް ޑިފެންޑަރު، ޖޫލްސް ކޫންޑޭގެ ސޮއިހޯދަން ބާސެލޯނާއާ ވާދަކުރަމުންނެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އިތުރު ޑިފެންޑަރެއް ހޯދަނީ ޔަގީންކަމާ އެކު އަޒްޕިލިކުއޭޓާ ދޫކޮށްލަން ކުރާކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. އަޒްޕިލިކުއޭޓާ އަށް އަދިވެސް މަތީ ލެވަލްގައި ކުޅެވޭނެ ކަމަށާއި އޭނާ ދޫކޮށްލާނީ ކްލަބަށް އެންމެ ރަނގަޅު ގޮތް ބަލާފައި ކަމަށް ޓުޗެލް ބުންޏެވެ.
"އަޒްޕި (އަޒްޕިލިކުއޭޓާ) ބޭނުން ގޮތަށް ކަންތައް ނެތް ކުރެވެން. އަހަރެމެން ހުރި ހިސާބެއް ވެސް ވިސްނަންޖެހޭ. ސެޕްޓެމްބަރު 1 އަންނައިރު، ޓީމު އޮންނަ ގޮތް ފެންނާނެ،" ޓުޗެލް ބުންޏެވެ.
ޗެލްސީން އަޒްޕިލިކުއޭޓާގެ ސޮއި ހޯދީ 2012 ވަނަ އަހަރު ފްރާންސްގެ މާސޭ އަށް ނުވަ މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ. އޭނާ ވަނީ ޗެލްސީއާ އެކު ނުވަ ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގު ކޮންމެ މުބާރާތެއް ދެ ފަހަރުގެ އިތުރުން ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް، ލީގު ކަޕް، ޔުއެފާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.












