ލަންޑަން (ޖުލައި 23) - އޭނާ އަކީ އަބަދުވެސް އާސެނަލްގެ ސަޕޯޓަރެއް ކަމަށް ޔޫކްރެއިންގެ ފުލްބެކް، އޮލެކްސަންޑާ ޒިންޗެންކޯ ބުނެފި އެވެ.
ސިޓީއާ އެކު އެމެރިކާ ޓުއާގައި ހުރި ޒިންޗެންކޯ ވަނީ އެ ކްލަބްގެ ޕްރެކްޓިސްތައް މެދުކަނޑާލުމަށް ފަހު އެނބުރި އިންގްލެންޑަށް އައިސް އާސެނަލަށް ބަދަލުވުމުގެ ޓްރާންސްފާ ކަންކަން ނިންމައިފަ އެވެ. ޔޫކްރެއިން ގައުމީ ޓީމަށް ވެސް ކުޅޭ ޒިންޗެންކޯ، 25، ގަންނަން އާސެނަލުން 35 މިލިއަން ޑޮލަރު ސިޓީ އަށް ދޭނެ އެވެ.
އާސެނަލާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ޒިންޗެންކޯ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ފަސް ވަނަ ކުުޅުންތެރިޔާ އެވެ. ޒިންޗެންކޯގެ ކުރިން އާސެނަލުން ވަނީ ސިޓީ އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސްގެ ސޮއި ވެސް ހޯދައިފަ އެވެ.

ޒިންޗެންކޯ (ވ) އާސެނަލަށް ސޮއިކުރުމަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާއާ އެކު.
ޒިންޗެންކޯ އާސެނަލްގެ މީޑިއާ އަށް ބުނީ އަބަދުވެސް އާސެނަލަށް ސަޕޯޓްކުރާކަމަށެވެ.
"މިއީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ އަހަރެން ދެކުނު ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް، އަހަރެން މި ހުރީ ވަރަށް އުފަލުން އާސެނަލަކީ އަބަދުވެސް އަހަރެން ސަޕޯޓްކުރާ ޓީމެއް،" ޒިންޗެންކޯ ބުންޏެވެ.
"ތިއަރީ އޮންރީ އާއި ސެސްކް ފަބްރެގަސް މެން އާސެނަލްގައި ކުޅުނު މެޗުތައް ގަވާއިދުން ބެލިން. އަހަރެން ވަރަށް ގަޔާވޭ އޭރުން ފެށިގެން އާސެނަލަށް، އެހެންވެ، މި ކްލަބްގެ ސަޕޯޓަރެއްގެ ގޮތުގައި މި ހުރެވެނީ،"
ޒިންޗެންކޯ ބުނީ އާސެނަލާ ގުޅެން ނިންމި އަނެއް ސަބަބަކީ ކޯޗު މިކޭލް އާޓެޓާއާ އެކު މަސައްކަތް ކުރަން ފަސޭހަވުމެވެ. އެ ގޮތުން އާޓެޓާ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރިއިރު ވެސް އޭނާ އަށް މޮޅު ކޯޗަކަށް ވެވޭނެކަން އެނގޭ ކަމަށް ޒިންޗެންކޯ ވަނީ ބުނެފަ އެވެ.
ސިޓީ އަށް 2016 ވަނަ އަހަރު ގަތް، ޒިންޗެންކޯ ވަނީ ލޯން އުސޫލުން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަށް ވެސް ކުޅެފަ އެވެ. ޒިންޗެންކޯ ސިޓީ ދޫކޮށްލި އެންމެ ބޮޑު ސަބަބަކީ ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުމުގެ ބޭނުމުގަ އެެވެ.
ޒިންޗެންކޯ އާއި ޖީސޫސްގެ އިތުރުން ދެން އާސެނަލްގެ ޓްރާންސްފާތަކަކީ ސައޮ ޕައޮލޯ އިން ގެނައި ބްރެޒިލްގެ ވިންގް، މާކުއީނިއޯސް، އެމެރިކާގެ ލީގު (އެމްއެލްއެސް) އިން ގެނައި ގޯލްކީޕަރު މެޓް ޓާނާ އާއި ޕޯޓޯ އިން ގަތް، ހުނަރުވެރި މިޑްފީލްޑަރު ފަބިއޯ ވިއޭރާ އެވެ.












