މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ބައެއް މަގުތަކުގައި ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތް ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތައް ދިއްލުމަށް ބޭނުންކުރަނީ ސޯލާ ޕަވާ އެވެ.
އެޗްޑީސީން ބުނީ މަގު ހުރަސްކުރާ މީހުންނަށް ހާއްސަ ލައިޓްތައް ހަރުކުރަނީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންގެ ރައްކާތެރިކަމަށް ކަމަށެވެ.
ހުޅުމާލެ އެކި ސަރަހައްދުތަކުގައި މި ލައިޓްތައް ހަރުކުރުމަށް ނިންމާފައި ވާއިރު މިއަދު ލައިޓް ހަރުކޮށްފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލް ހުންނަ މަގުގަ އެވެ.
މި މަޝްރޫގެ ދަށުން ހަރުކުރަނީ ކިތައް ލައިޓްކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.

ލައްކައަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގެ ދުއްވާ ވެހިކަލްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ.












