އިލްމުވެރިންގެ ދެބަސްވުން

އިލްމުވެރިންގެ ދެބަސްވުން

މާތް ﷲ ރުއްސުންލެއްވި ޢައްމާރު ބިން ޔާސިރު ވިދާޅު ވެ އެވެ. އެއްފަހަރަކު ތިމަންނާއާއި މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނާ ދެކަލުން މާތް ނަބިއްޔާ އެދިވަޑައިގެންނެވި ކަމެއް ކުރުމަށްޓަކައި ތަނަކަށް ފޮނުއްވި އެވެ. މިދަތުރުގައި ފެން ލިބެން ނެތް ހިސާބެއްގައި ނަމާދުގެ ވަގުތު ޖެހުނުއިރު ޖުނުބުވެރި ހާލަތުގައި ހުންނެވުމުން، ފެން ލިބިވަޑައިނުގަތުމުން، ޢައްމާރުގެފާނު ބިންމަތީގައި އޮށޯވެވަޑައިގެން މުޅި ގައިގައި ހިރަފުސް އުނގުޅޭހެން ފުރޮޅިވަޑައިގަތުމަށްފަހު ތަޔައްމަމް ކުރެވުނީކަމަށް ބައްލަވައި، ނަމާދުކުރެއްވި އެވެ. އޭރު އެނގިފައި އޮތީ ވެލިން ތާހިރުވަނީ ވެސް ފެނުން ތާހިރުވާ ގޮތަށްކަމަށެވެ. ނަމަވެސް އެދަތުރުގައި ޢުމަރުގެފާނަށް އެހާލަތު މެދުވެރިވުމުން ޢުމަރުގެފާނު އެފަދައިން އަމަލެއް ނުކުރެއްވި އެވެ. ވެލިން ޠާހިރުވާ ގޮތެއް އެނގިވަޑައިގެންފައި ނުވާތީ އެވެ. ކޮންމެއަކަސް މީގެ ދެކަލުން އެނބުރި ރަސޫލާގެ އަރިހަށް ވަޑައިގެންނެވޭގޮތްވުމުން މިވާހަކަ ދެންނެވި އެވެ. އެހިނދު މާތް ނަބިއްޔާ ޢައްމާރުގެފާނަށް ހަދީސްކުރެއްވި އެވެ. ތިބާގެ ދެއަތުން ހަމަ އެކަނި މިގޮތަށް ހަދާލުމުން ފުދުނީހެވެ. އެޔަށްފަހު އަތުން އިޝާރާތްކުރައްވައި ތަޔައްމަމް ކުރާނެ ގޮތް ދައްކަވައިދެއްވި އެވެ. އަތްޕުޅުން ބިންމަތީގައި ޖެއްސެވުމަށްފަހު އެއް އަތްތިލައިން އަނެއް އަތްތިލައިގެ ބޭރުފުށުގައި ފުއްސެވި އެވެ. އަދި މޫނުގައި ފުއްސެވި އެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި އެއްދުވަހަކު ޢައްމާރު ބިން ޔާސިރު ހާޒިރުކުރައްވާފައި ސުވާލުކުރެއްވި އެވެ. ތިބާ ތިދައްކާ ވާހަކައަކީ ކޮން ވާހަކައެއް ހެއްޔެވެ؟ އެހިނދު ޢައްމާރުގެފާނު ދެންނެވި އެވެ. ކަލޭގެފާނު ހަނދުމަފުޅެއް ނެތްތޯ އެވެ؟ އެއްފަހަރަކު މާތް ނަބިއްޔާ ތިމަންމެން ދެމީހުން ތަނަކަށް ފޮނުއްވުމުން ފެން ލިބެން ނެތިގެން ތަޔައްމަމް ކުރުމަށްޓަކައި ތިމަންނާ ބިންމަތީގައި ފުރޮޅުނީ އެވެ. އެކަމަކު ކަލޭގެފާނު އެހެން ނުހައްދަވަ އެވެ. ދެން ފަހުން މާތް ނަބިއްޔާގެ އަރިހުގައި އެވާހަކަ ދެންނެވުމުން ތަޔައްމަމް ކުރާ ގޮތް އިތުރު އެކަލޭގެފާނު ދަސްކޮށްދެއްވީނޫންތޯ އެވެ. މިގޮތަށް ޢައްމާރުގެފާނު ދެންނެވުމުން ޢުމަރުގެފާނު ވިދާޅުވި އެވެ. އޭ ޢައްމާރެވެ! ﷲއަށް ތަޤްވާވެރިވާށެވެ. އެހިނދު ޢައްމާރުފާނު ޢުމަރުގެފާނަށް ދެންނެވި އެވެ. މާތް ﷲ ތިބާއަށް ކިޔަމަންތެރިވުން އަހަރެންގެ މައްޗަށް ލައްވަވާފައިވާ ކަންކަމުގެ ތެރޭގައި މިވާހަކަ ނުދެއްކުން ހިމެނޭކަމަށް ކަލޭގެފާނު ދެކެވަޑައިގަންނަވާނަމަ، ތިމަން މިހުރީ އެވާހަކަ ނުދައްކާށެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވި އެވެ. އެވާހަކަ ދެއްކެވިޔަސް އެންމެ ރަނގަޅެވެ.

ޞަޙާބީންކުރެ ފިގުހު އިލްމުގައި އަރާތިއްބެވި ދެބޭކަލުންކަމަށްވާ ޢަބްދުﷲ ބިން މަސްޢޫދުއާއި އަބޫމޫސަލް އަޝްޢަރީއާ ދެމެދު ބަހުސެއް ކުރެވުނެވެ. ބަހުސްގެ މައުޟޫއަކީ، ފެން ނުލިބިއްޖެ ހާލަތެއްގައި ވުޟޫގެ ބަދަލުގައި ތަޔައްމަމް ކުރެވޭ ފަދައިން ހިނައިގަންނަންޖެހޭ ހާލަތެއްގައިވެސް ފެންނުލިބިއްޖެނަމަ އޮތީ ތަޔައްމަމްކުރުންތޯ މި މައުޟޫއު އެވެ. އަބޫމޫސާގެ ރައުޔުފުޅު ވަރުގަދަކުރެއްވުމަށް ޢައްމާރުގެފާނުގެ ބުނެވިދިޔަ ހާދިސާ ދަލީލެއްގެ ގޮތުގައި ނެންގެވި އެވެ. އެހިނދު އަބްދުﷲ ބިން މަސްއޫދު ވިދާޅުވި އެވެ. ޢައްމާރުގެފާނުގެ އެވާހަކަފުޅު ޢުމަރުގެފާނަށް ގަބޫލުފުޅުނުކުރެއްވޭނޫންތޯ އެވެ! އެހިނދު އަބޫމޫސާ ވިދާޅުވި އެވެ. ޢައްމާރުގެފާނުގެ ވާހަކަ ދޫކޮށްލައްވާށެވެ. މާއިދާ ސޫރަތުގައި މި އޮތް އާޔަތާމެދު ދެކެވަޑައިގަންނަވަނީ ކީކޭތޯ އެވެ. އެހެން ވިދާޅުވުމަށްފަހު އާޔަތުން ދަލީލު ނަންގަވައި އަބޫމޫސާ ޙުއްޖަތް ގާއިމުކުރެއްވުމުން އިބްނު މަސްޢޫދު އެއްޗެއް ވިދާޅުނުވެ ހަނުހުންނެވި އެވެ.

ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔެއްކަމުގައިވާ މުޙައްމަދު ބިން ޞާލިޙުލްޢުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ ޢިލްމުވެރިން ޚިލާފުވުމުގެ ސަބަބުތައް ބަޔާންކުރައްވާފައިވާ ފޮތުގައި މިދެރިވާޔަތް ވެސް ގެންނަވާފައި ވެ އެވެ. ޢުޘައިމީން ރަޙިމަހުﷲ މި ރިވާޔަތްތައް ގެންނެވުމަށްފަހު ފާހަގަކުރައްވާފައި އޮންނަނީ، ވަކި ކަމެއްގެ ދަލީލު ހަނދާން ނެތުމަކީ، ޢިލްމުވެރިންގެ މެދުގައި ބައެއް މައްސަލަތަކުގައި ހިޔާލު ތަފާތުވާން މެދުވެރިވި ސަބަބެއް ކަމަށެވެ.

އަޅުގަނޑުގެ މި ލިޔުމުގައި މިރިވާޔަތްތައް ނަކަލު މިކޮށްލީ، ހިޔާލު ތަފާތުވުމުގެ ނަމޫނާ ފާހަގަކޮށްލައި ބައެއް ވާހަކަ ދައްކާލުމަށެވެ. އެންމެ ފުރަތަމައަށް ނަޒަރެއް ދެއްވާށެވެ. ޢައްމާރުގެފާނުގެ ރިވާޔަތުގައިވާ ގޮތުގައި، އެދެބޭކަލުން ހިޔާލު ތަފާތުވީ މައްސަލާގައި، މާތް ނަބިއްޔާ އެދެބޭކަލުންނަށް ތަޔައްމަމްކުރާނެ ގޮތް ދަސްކޮށްދެއްވި އެވެ. އެކަމަކު ޢުމަރުގެފާނު ވަކި ގޮތަކަށް އަމަލުނުކުރެއްވީތީ އެކަމާ އެއްވެސް ބަސްފުޅެއް ވިދާޅުވެފައިނުވެ އެވެ. މިއިން އެނގެނީ އިސްލާމްދީނުގައި ވަކި ގޮތަކަށް ވަކި ކަމެއް ކަނޑައެޅިފައިނުވާނަމަ، އެގޮތަށް ކަނޑައެޅިފައި ނުވާހާ ހިނދަކު، ނުވަތަ އެކަން އެނގިފައި ނެތްހާހިނދަކު، ދެމީހެއްގެ ދެމެދުގައި ހިޔާލު ތަފާތުވާހިނދު، އެއްވެސް ފަރާތެއް ކުށްވެރިކުރުމަކީ ނަބަވީ މަންހަޖު ނޫންކަމެވެ.

ދެވަނައަށް އަޅުގަނޑުގެ ސަމާލުކަން ހުއްޓުވައިލީ ޢުމަރުގެފާނާއި ޢައްމާރުގެފާނާ ދެމެދު ހިނގައިދިޔަ ދެބަސްވުމެވެ. އެއްބޭކަލަކު އަނެއް ބޭކަލަކަށް އިހުތިރާމުކުރުމުގެ ކޮންފަދަ ރީތި ލާމަސީލު ނަމޫނާއެއްތޯ އެވެ. ޢައްމާރުގެފާނު އެވިދާޅުވާ ހާދިސާ ޢުމަރުގެފާނުގެ ހަނދުމަފުޅަކު ނެތެވެ. އެހެންވެ މާތް ﷲއަށް ތަޤްވާވެރިވުމަށް ވަސިއްޔަތްކުރެއްވި އެވެ. އެކަމަކު އޭގެ ބަދަލުގައި ޢައްމާރުގެފާނު ކޯފާވެވަޑައެއް ނުގަންނަވަ އެވެ. ވެރިމީހާއަށް އޮންނަންޖެހޭ ކިޔަމަންތެރިކަމުގެ ވާޖިބުއަދާކުރުމަށްޓަކައި އުފެދިދާނެ ފިތުނައެއްގެ މަގު ބަންދުކުރުމުގެ މަގު އިހުތިޔާރުކުރައްވަން ތައްޔާރަށް ހުންނެވިކަން އެހާމަކުރައްވަނީ އިލްމު ފޮރުވުމުގެ ނުބައިކަން ހަނދުމަފުޅު ނެތިގެންނެއް ނޫނެވެ. އެޔަށްވުރެ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ސަބަބުތައް ނައްތާލުން މުހިންމުކަމަކަށްވާތީ އެވެ. އެކަމަކު ޢުމަރުގެފާނު ފަހުން އެއަންގަވަނީ އެވާހަކަ ދެއްކެވިޔަސް އެންމެ ރަނގަޅުކަމަށެވެ. ޢުމަރުގެފާނަށް އެކަން ހަނދުމަފުޅު ނެތަސް ހިޔާލު ތަފާތުވުމަށް ޖާގަދެއްވުމުގެ ގޮތުންނެވެ. އެއްބޭކަލަކު އަނެއް ބޭކަލަކު ކުށްވެރިކޮށް އާންމުންނަށް އެކަން ހާމަކުރުމުގެ މަގު ހިއްޕެވި ނަމަ ނުކުންނާނެ ނަތީޖާތަކެއް ހުރީސްކަން ޔަގީނެވެ.

ހަމަ މިޔާއެކު ޢަބްދުﷲ ބިން މަސްޢޫދާއި އަބޫމޫސަލްއަޝްޢަރީއާ ދެބޭކަލުންގެ ބަހުސުންވެސް އެހެރެ ފެންނަ މުނާޒަރާގެ ރީތި އަދަބުވެރިކަމަކީ އަޅުގަނޑުމެން އޭގެ ނަމޫނާގައި ހިފަންޖެހޭ ކަމެކެވެ. ދަލީލާމެދު ޝައްކުއުފެއްދެވުމުން އެ ދަލީލު ދޫކޮށްލައްވާފައިވާ ދެބަސްވުމެއްނެތް ކީރިތި ޤުރުއާނުން ދަލީލުދެއްކެވި އެވެ. އެހިނދު އިލްމުގެ މައިދާނުގައިވެސް ބަލި ގަބޫލުކުރަންޖެހޭ ހާލަތުގައި ހިތްތިރިކަމުގެ ސިފަ އިސްކުރަންޖެހޭކަން ޢަބްދުﷲ ބިން މަސްޢޫދު މުޅި އުންމަތަށް ދައްކަވައިދެއްވި އެވެ. ޢަބްދުﷲ ބިން މަސްޢޫދު ގޮތް ދޫކުރެއްވުމެއް ނެތި ތައައްސުބާއެކު އަމިއްލަ މަޒުހަބުގައި ހިއްޕެވިނަމަވެސް ތަބާވާނެ މީސްތަކުން މަދެއް ނުވާނެކަން ގައިމެވެ.

ޢިލްމުވެރިން އިހްތިރާމާއެކު ހިޔާލު ތަފާތުވުމަކީ އޮންނަންޖެހޭ މުހިންމު ކަމެކެވެ. އެކަމަކު އާންމުންގެ ކުރިމަތީގައި އިލްމުގެ އަހުލުވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެކި ބާވަތުން ތުހުމަތުކޮށް، ޒުވާބަށްވާ ގޮތަށް އަމަލުކުރެވުމުކީ އޭގެ ނަތީޖާ އެހާ ރަނގަޅުވާނެ ކަމެއް ކަމަކަށް އަޅުގަނޑުގެ ނިކަމެތި ބުއްދިއަކަށް ނުފެނެ އެވެ. އަމުދުން ތަމައްދުނާއި ހަޟާރަތުގެ ދުނިޔަވީ މާކަނޑުގައި، އެތައް އޮއިވަރެއްގެ މެދުގައި ދާނުދާ ވަކި މިސްރާބެއް ނެތް މުޖުތަމައެއްގައި އެފަދަ ކަމެއް ހިނގާނަމަ އެއީ އަދި މާ ހިތާމަވެރި ކަމެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox