އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 8.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި އިތިއޯޕިއާއިން ރާއްޖެއަށް ދެ މީހަކު އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުގެ 41 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ ދިރުވާލައިގެން ހަށިގަނޑުގެތެރޭގައި ފޮރުވައިގެންނެވެ.
އެ މައްސަލައިގައި ކަސްޓަމްސްއިން ނެރުނު ކުރު ބަޔާނެއްގައި މިއަދު ބުނީ އެ ދެ މީހުންގެ ހަށިގަނޑުގެތެރެއިން ''ފޮރިން ބޮޑީސް'' ފެނިފައިވާއިރު އެ ފޮރިން ބޮޑީސްތަކުގެތެރޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވިފައިވާ ކަމަށެވެ.
"އެ ދެ މީހުންގެ އެތެރެހަށިން ފޮރިން ބޮޑީސްގެ ގޮތުގައި ޖުމްލަ 220 ބްލެޓު ވަނީ ނަގާފައި. އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 2.328 ކިލޯ ހުރި،" ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 8,100,000 ރުފިޔާއަށް އަރަ އެވެ. އެ ތަކެއްޗާއި މި މައްސަލައިގައި މިހެނޭ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.














