ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރު އަލުން ތަހުގީގު ކުރުމަށް އެ ގައުމުގެ މެޖިސްޓްރޭޓް ކޯޓަކުން އަމުރުކޮށްފި އެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި މާޗް، 2017 ގަ އެވެ. ފެނުނުއިރު އޮތީ ދަންޖެހިފަ އެވެ.
ރައުދާ މަރުވީ ދަންޖެހިގެން ކަމަށް މީގެ ކުރިން ހެދި އޮޓޮޕްސީތަކުން ވެސް އަދި އެ ގައުމުގެ ފުލުހުންގެ ތަހުގީގުތަކުން ދެއްކި ނަމަވެސް އެކަމުގައި ޝައްކު ކަންކަން ހުރި ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް އޭނާގެ ބައްޕަ މުހައްމަދު އާތިފް ކޯޓަށް އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ
އާތިފްގެ ވަކީލް، އެމްޑީ ނޫރުލް އިސްލާމް ސަރްކަރްއާ ހަވާލައިދީ ބަންގްލަދޭޝްގެ ނޫހަކުން ބުނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެން ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން މިދިޔަ އަންގާރަ ދުވަހު ކޯޓުން އަންގާފައިވާ ކަމަށެވެ.
އެފަދައިން އަމުރުކުރީ އެ މައްސަލަ ބަލައިދިނުމަށް ރައުދާގެ ބައްޕަ 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުގަ އެވެ.

ރައުދާ ވަޅުލުމަށްފަހު ވެސް އޭނާގެ ގަބުރު ނަގައި، ދެ ފަހަރަށް ޕޯސްމޯޓަމް ހެދި އެވެ. ޕޯސްޓްމޯޓަމްގެ ރިޕޯޓުތަކަށްފަހު ނިންމާފައި ވަނީ ރައުދާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް އެކަންވީ އެހެން ނޫންކަމަށާއި އެހެން ބަޔަކު ވަނީ ރައުދާ މަރާލާފައި ކަމަށް އޭނާގެ ބައްޕަ ތުހުމަތު ކުރެ އެވެ.
ރައުދާގެ މަރު ތަހުގީގު ކުރުމަށް ދިވެހި ފުލުހުން ވެސް ބަންގްލަދޭޝަށް ދިޔަ އެވެ. އެ މައްސަލައިގައި ދިވެހި ފުލުހުން ވެސް ބުނެފައި ވަނީ ފެންނަން ހުރި ހެކިތަކަށް ބަލާއިރު ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.












