ހިއުސްޓަން (ޖުލައި 20) - ޕްރީ ސީޒަންގައި އެމެރިކާ އަށް މެންޗެސްޓާ ސިޓީން ކުރަމުންދާ ޓުއާގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ ޖޯން ސްޓޯންސް އާއި އިލްކޭ ގުންޑޮގާން އަދި ފިލް ފޯޑަން ބައިވެރިނުވުމަކީ ޓީމަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އެމެރިިކާ އަށް ސިޓީން ކުރަމުންދާ ޓުއާގައި އެ ޓީމު މި ވަގުތު ތިބީ ހިއުސްޓަންގަ އެވެ. ކްލަބު އެމެރިކާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ހިއުސްޓަންގައި މެޗެއް ކުޅުމަށް ފަހު، އެ ޓީމު ދަތުރުކުރާނީ ގްރީން ބޭއަށެވެ. އަދި ގްރީން ބޭގައި ބަޔާން މިއުނިކާ ދެކޮޅަށް އާދިއްތަ ދުވަހު މެޗެއް ކުޅޭނެ އެވެ.
މި ދަތުރުގައި ސްޓޯންސް، ފޯޑަން އަދި ގުންޑޮގަން އަށް ބައިވެރިނުވެވުނީ އެމެރިކާގެ ވިސާ އަށް ޝަރުތު ހަމަނުވާތީ އެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ކުޅުންތެރިންނަށް ވިސާ ނުލިބުނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަނުކުރާތީ އެވެ.
ވެކްސިން ފުރިހަމަ ނުކުރާތީ ޗެލްސީން އެމެރިކާ އަށް ކުރި ދަތުރުގައި، އެންގޯލޯ ކާންޓޭ އާއި ރުބެން ލޮފްޓަސް ޗީކަށް ވެސް ބައިވެރިނުވެވުނެވެ.
އެމެރިކާ އަށް ސިޓީން ކުރި ދަތުރުގައި މި ކުޅުންތެރިންނަށް ބައިވެރިނުވެވުނަސް، އެ ކުޅުންތެރިން ދަނީ ސިޓީގެ 23 އަހަރުން ދަށުގެ ޓީމާއެކު ކްރޮއޭޝިއާގައި ޓްރެއިން ކުރަމުންނެވެ.
އެކަމަކު, ގާޑިއޯލާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް ޕްރީ ސީޒަން ނުހެދުމުގެ ސަބަބުން، ވާދަވެރި މެޗުތަކަށް ނުކުންނައިރު މައްސަލަތައް ދިމާވާނެ ކަމަށެވެ.
"އަހަރެން މި ކްލަބުގައި ހޭދަކުރި ދެވަނަ ސީޒަން (2017/2018) އަހަރަމެން ލީގު ނިންމާލީ 100 ޕޮއިންޓާއެކު. އެއީ މި ކްލަބުގެ ހުރިހާ ކުޅުންތެރިން އެއްކޮށް، ޕްރީ ސީޒަން ފުރިހަމަކުރި ފަހަރަކީ. އެކަމަކު އޭގެ ފަހުން ޕްރީ ސީޒަނެއް ހުރިހާ ކުޅުންތެރިން އެއްކޮށް ފުރިހަމައެއް ނުކުރެވޭ. ސީޒަންގެ ކުރީކޮޅު ސިޓީ ދަށްކޮށް ފެންނަނީ އެހެންވެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޕްރީ ސީޒަން ޓުއާގައި ބައިވެރިނުވެވުނަސް، އެ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އެއްވެސް ފިކުރެއް ނުކުރާ ކަމަށެވެ.
"23 އަހަރުން ދަށުގެ ޓީމާއެކު ޓްރެއިން ކުރަންޏާ، އެ ކުޅުންތެރިން ތިބޭނީ ފިޓުކޮށް،" ގާޑިއޯލާ ބުންޏެވެ. -- އޭއެފްޕީ












