މި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސް އާއި އަންނަ މަހު ތުރުކީގެ ކޮންޏާގައި ބާއްވާ އިސްލާމިކް ސޮޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގައުމު ތަމްސީލްކުރުމުގެ ފުުރުސަތުގެ ބޭނުންހިފުމުގެ މުހިންމުކަން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވިސްނައިދެއްވައިފި އެވެ.
މި މަހުގެ 28 އިން އަންނަ މަހުގެ އަށް ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ އެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހު ތުރުކީގެ ކޮންޏާގައި ކުރިއަށްގެންދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ އެވެ.
ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ބައިވެރިނުވެވުނެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.
ރާއްޖެ އަށް ކޮމަންވެލްތު ގޭމްސް އިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ގިނަ އެތުލީޓުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނާ މިއަދު ހެނދުނު ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަށް އަލުން ކޮމަންވެލްތުގައި މި ބައިވެރިވެވުނީ ދުވަސްތަކެއް ފަހުން ކަަމަށާއި ސޮލިޑާރިޓީ ގޭމްސް އަކީ ވެސް ރާއްޖެ އަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
"މިއިން ކޮންމެ މުބާރާތެއްގައި ތި ހުރިހާ އެތުލީޓެއް ވެސް ތި ރިޕްރެޒެންޓް (ތަމްސީލު) ކުރަނީ ގައުމު، އެއީ ވަރަށް މަދު ބަޔަކަށް ލިބޭ ފަހުރެއް، އަދި ޝަރަފެއް. ގައުމެއް ރެޕްރެޒެންޓް ކުރަން މީހަކަށް އެ ލިބެނީ އާދައިގެ ކަމެއް ނޫން. އެކަން، ކޮންމެ އެތުލީޓަކު ވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ،" ރައީސް ވިދާޅުވި އެވެ.
"މުބާރާތެއްގައި މޮޅުވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ކަމެއް. އެހެން ނަމަވެސް މުބާރާތެއްގައި ބައިވެރިވެ، ގައުމު ރެޕްރެޒެންޓް ކުރުން ވެސް އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި ކަންތައްތައް ހިތުގައި ބަހައްޓައިގެން ހުރިހާ އެތުލީޓުން މުބާރާތަށް ދިއުން އެދެނީ،"
ރައީސް ވިދާޅުވީ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާން ލިބޭ ފުރުސަތުން ފަހިވެގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކުރުމުގެ ފުރުސަތު ކަމަށާއި އޭގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.
"ދުނިޔޭގެ އެންމެ ޓޮޕް އެތުލީޓުން ހިމެނޭ އެ އެތުލީޓުންނާ އެކީގައި ވާދަކޮށްލަން ލިބުމަކީ ވެސް ހަމަ ލިބޭ ޝަރަފެއް. އެހެންވީމަ، އެކަން ދަނެގެން، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން އެއީ އަޅުގަނޑުގެ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ގޭމްސްތަކަށް ހާއްސަކޮށް ތައްޔާރުކުރި ފޯ ދި އޯޝަންސް ކިޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ކުޅިވަރެއްގައި އަދި އެ ނޫން ކަމެއްގައި ވެސް ކާމިޔާބެއް ހޯދުމަށްޓަކައި ކުރަން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ރަނގަޅު އަހުލާގު ކޮންމެ މީހެއްގެ ގައިގައި ވެސް ހުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުޅިވަރުގައި އެ އަށް ފަހުގައި މި އޮންނަނީ އެކަމަށް ތައްޔާރުވާން ބޭނުންވާ ޓްރެއިނިން އާއި ޕްރެކްޓިހާއި އޭގެ ނޯހައު (ވާނުވާ) އެނގުމާ އެ ހުރިހާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ވަރަށް ފަހުން ޓްރެއިން ކުރުމާއި ޓްރެއިނިން އަށް ބޭނުންވާ ފެސިލިޓީސްތައް ލިބުމާ މި ކަންތައްތައް އައީ. ކާމިޔާބެއް ބޭނުންވާ ކަމަށްވަންޏާ އެއީ ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މި ގެންދަނީ ވަކި ކުޅިވަރެއް ތަފާތު ނުކޮށް ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ވީ ވަރަކުން އެ ފުރުސަތުތައް ހޯދައިދެމުން،"
ރައީސް ޔަގީންކަން ދެއްވީ ކާމިޔާބު ހޯދުމަށްޓަކައި ކުރަން ޖެހޭ ކަންކަމާއި ނަތީޖާ ނެރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައްކަށް ކުރިއަށް އޮތްތަނުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހަށް ވަނީ " ފޯ ދި އޯޝަންސް" ގެ ނަން ދެވިފައިވާ ޖޯޒީ ކިޓެއް ވެދުން ކުރައްވައިފަ އެވެ. މި ކިޓަކީ ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ ގޮތަށް، ހަސަން އީމާން ޑިޒައިން ކުރި ކިޓެކެވެ. މި ކިޓް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.












