ދުވުމަށް ލޯބިކުރާ މީހުންނަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިފަހަރު ހުށަހަޅަނީ އާ ޗެލެންޖެކެވެ. ކުރިން ބޭއްވި "ބޮޑު ހާފް" ކޮންސެޕްޓަށް ބަދަލުތަކެއް ގެނެސް މިއަހަރުގެ ސެޕްޓެމްބަރު 2، ގައި އޮންނާނީ "ބޮޑު ފަހެއް" ދުވުމެވެ.
މި ރޭހުގައި އޮންނާނީ އެންމެ ފުރަތަމަ ހާފް މެރެތަނެއް ދުވުމެވެ. ދެން 10 ކިލޯމީޓަރުގެ ދުވުން ނިންމުމަށް ފަހު އޭގެ ފަހުން ފަސް ކިލޯމީޓަރު ފުރިހަމަކުރުމެވެ. ހުރިހާ އިވެންޓެއްގައި ވާދަކޮށް "ބޮޑު ފަހެއް" އެއްކޮށް ފުރިހަމަ ކުރުމަށް ކޮންމެ އިވެންޓެއް ވެސް ވަކި ވަގުތެއް ނުވަތަ "ކަޓްއޮފް" ވަގުތުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ކަޓްއޮފް ޓައިމް
- ހާފް މެރަތަން ފަށާނީ ފަތިހު 05:01 ގައި، ދެ ގަޑިއިރާ 30 މިނެޓު ތެރޭ ނިންމަން ޖެހޭ
- 10 ކިލޯމީޓަރު ދުވުން ފަށާނީ ހެނދުނު 7:41 ގައި، އެއް ގަޑިއިރާ 20 މިނެޓު ތެރޭ ނިންމަން ޖެހޭ
- ފަސް ކިލޯމީޓަރު ދުވުން ފަށާނީ ހެނދުނު 09:11 ގައި، 45 މިނެޓު ތެރޭ ނިންމަން ޖެހޭ
ވަކިވަކި ރޭސްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ. އެކަމަކު ތިން އިވެންޓުގައި އެއްކޮށް ބައިވެރިވެ ބޮޑު ފަހެއް ފުރިހަމަކުރުމަށް އޮންނާނީ 100 ޖާގަ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށާ ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގެ ރޭސް ރެޖިސްޓްރޭޝަން ވެބްސައިޓުން އޮންލައިންކޮށް މިހާރު ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ.
ފަސް ކިލޯމީޓަރު ދުވުމުގެ ރެޖިސްޓްރޭޝަން ފީއަކީ 350ރ. އެވެ. 10 ކިލޯމީޓަރު ދުވުމުގެ ފީއަކީ 450ރ. އެވެ. ހާފް މެރަތަންގައި ރަޖިސްޓްރީވެވޭނީ 650ރ. އަށެވެ. އަދި މުޅި "ބޮޑު ފަހެއް" ދުވަން 1،250ރ. ދައްކަން ޖެހެ އެވެ. އޮންލައިންކޮށް ރެޖިސްޓްރޭޝަން ފީ ދައްކާލެވޭނެ އެވެ.

މިހާތަނަށް މިއަހަރު ޓީއެފްޖީން "ބީއެމްއެލް ވާއު ކިޑްސް ރަން" އަދި "އެމްވީރަން" ވަނީ ބާއްވާފަ އެވެ. "ބޮޑު ފަހެއް" ނިންމާލުމަށް ފަހު ދެން އޮންނާނީ ޓީއެފްޖީގެ މައި އިވެންޓް ކަމަށްވާ "ދަ މޯލްޑިވްސް ލޯންގް ރަން" އެވެ.









