އަންނަ ސެޕްޓެމްބަރު 2، ގައި ބޭއްވުމަށް ނިންމާފައިވާ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގެ "ބޮޑު ފަހެއް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށާ ދުވުމުގައި ޓީއެފްޖީގެ ރޭސް ރެޖިސްޓްރޭޝަން ވެބްސައިޓުން އޮންލައިންކޮށް ރެޖިސްޓްރީވެވޭނެ އެވެ.
މިއީ ކުރިން ބާއްވާ "ބޮޑު ހާފް" ގެ ކޮންސެޕްޓަށް ބައެއް ބަދަލުތަކާ އެކު ބާއްވާ ދުވުމެވެ. މި ރޭހުގައި އޮންނާނީ އެންމެ ފުރަތަމަ ހާފް މެރެތަނެއް، ދެން 10 ކިލޯމީޓަރު އޭގެ ފަހުން ފަސް ކިލޯމީޓަރު ފުރިހަމަކުރުމެވެ.
ވަކިވަކި ރޭސްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ. އެކަމަކު ތިން އިވެންޓުގައި އެއްކޮށް ބައިވެރިވެ ބޮޑު ފަހެއް ފުރިހަމަކުރުމަށް އޮންނާނީ 100 ޖާގަ އެވެ.
ފަސް ކިލޯމީޓަރު ދުވުމުގެ ރެޖިސްޓްރޭޝަން ފީއަކީ 350ރ. އެވެ. 10 ކިލޯމީޓަރު ދުވުމުގެ ފީއަކީ 450ރ. އެވެ. ހާފް މެރަތަންގައި ރަޖިސްޓްރީވެވޭނީ 650ރ. އަށެވެ. އަދި މުޅި "ބޮޑު ފަހެއް" ދުވަން 1،250ރ. ދައްކަން ޖެހެ އެވެ. އޮންލައިންކޮށް ރެޖިސްޓްރޭޝަން ފީ ދައްކާލެވޭނެ އެވެ.

މިހާތަނަށް މިއަހަރު ޓީއެފްޖީން "ބީއެމްއެލް ވާއު ކިޑްސް ރަން" އަދި "އެމްވީރަން" ވަނީ ބާއްވާފަ އެވެ. "ބޮޑު ފަހެއް" ނިންމާލުމަށް ފަހު ދެން އޮންނާނީ ޓީއެފްޖީގެ މައި އިވެންޓް ކަމަށްވާ "ދަ މޯލްޑިވްސް ލޯންގް ރަން" އެވެ.









