މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - ބަޔާން މިއުނިކް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބްގެ މެނޭޖްމަންޓަށް ވަރަށް ކުރިން އެންގި ކަމަށާއި ބާސެލޯނާ އަށް ކުޅެލަން ލިބުމަކީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަަމަށް ދާދި ފަހުން އެ ޓީމަށް ސޮއިކުރި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
ލެވަންޑޯސްކީ، 33، ދޫނުކުރަން އެންމެ ފުރަތަމަ ބަޔާނުން ނިންމިއިރު، ބާސެލޯނާ އިން ކުރި ފުރަތަމަ ދެ ބިޑް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަަމަކު، އެންމެ ފަހުން ބާސެލޯނާ އިން ކުރި 50 މިލިއަން ޑޮލަރުގެ ބިޑް ބަލައިގަންނަން ބަޔާނުން ނިންމުމާ އެކު މިހާރު ލެވަންޑޯސްކީ ވަނީ ބާސެލޯނާއާ ރަސްމީކޮށް ގުޅިފަ އެވެ. އަދި އެމެރިކާގައި ކުރިއަށްދާ ބާސެލޯނާގެ ޕްރީ ސީޒަން ޓުއާގައި ވެސް ބައިވެރިވެފަ އެވެ.
"މިދިޔަ ހަފްތާތައް ދިޔައީ ވަރަށް ދިގުކޮށް، އެކަމަކު، އެންމެ ފަހުން އަހަރެން މި ހުރީ ބާސެލޯނާގައި، އަހަރެން ކްލަބް ބަދަލުކޮށް އާ ޗެލެންޖެއް ނަގަން ބޭނުންވާކަން ވަރަށް ކުރިން ބަޔާނަށް އެންގިން، ފަހަރުގައި އަހަރެން އެ ކްލަބް ދޫކޮށްލީ ބަޔަކު އެންމެ ރުހޭ ގޮތަށް ނޫން ކަމަށް ވެދާނެ، އެކަމަކު، އަހަރެން ބުނާނީ ބާސެލޯނާ އަށް ކުޅުމަކީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް،" ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާ އަށް ސޮއިކުރި ލެވަންޑޯސްކީ ބުންޏެވެ.
ފީފާގެ ބެސްޓް އެވޯޑްސް އެންމެ ފަހުން ދެ ފަަހަރު ހޯދި ލެވަންޑޯސްކީ ބުނީ ސްޕެނިޝް ލީގުގައި ކުޅުމަކީ ވެސް ކެރިއަރުގައި ވަރަށް ބޭނުންވި ކަމެއް ކަމަށެވެ. އަދި ބާސެލޯނާއާ ގުޅުމަށް ފަހު އެންމެ ބޮޑު އަމާޒަކީ ކުރިން އެ ކްލަބް އޮތް ލެވަލަށް ގެންދަން ބޭނުންވާ ކާމިޔާބީތައް ހޯދުން ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.
"އަހަރެން ކެރިއަރުގައި ހަަމައެކަނި މޮޅުވުމެއް ނޫން ބޭނުންވެފައި އޮތީ، އަހަންނަކީ ތަށި ހޯދަން ވެސް ޝައުގުވެރިކަން ހުންނަ ވިސްނުމެއްގައި އަބަދުވެސް ކުޅޭ ކުޅުންތެރިއެއް، އެހެންވީމަ ބާސެލޯނާގައި ވެސް އޮތީ އެކަން ތަކުރާރު ކުރުން،" ލެވަންޑޯސްކީ ބުންޏެވެ.
އެމެރިކާ ޓުއާގައި ބާސެލޯނާ އިން ހަތަރު މެޗެއް ކުޅޭނެ އެވެ. އެ މެޗުތަކުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ގެނައި، ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަން އާއި އޭސީ މިލާންގެ ފްރޭންކް ކެސިއޭ އަދި ލެވަންޑޯސްކީ ބޭނުންކުރާނެ އެވެ.
ލެވަންޑޯސްކީ ބުނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ޕްލޭނެއް އެބައޮތް ކަމަށާއި ބާސެލޯނާ އަށް މި ވަގުތު އޮތް ހާލަތުގައި ވެސް އަންނަން ޝައުގުވެރިވި އެއް ސަބަބަކީ އެއީ ކަމަށެވެ.
ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އައި ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އަހަރުން އަހަރަށް އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ތަކުރާރު ކުރަމުންނެވެ.
މިދިޔަ އަހަރުތަކުގައި ބަޔާނުން ޖެހިޖެހިގެން ޖަރުމަނު ލީގު ދިފާއުކުރުމުގައި ލެވަންޑޯސްކީގެ ގޯލުތައް މުހިންމު ރޯލެއް ކުޅުނެވެ. ލެވަންޑޯސްކީ ވަނީ ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.












