ލަންޑަން (ޖުލައި 19) - އިނގިރޭސި މަޝްހޫރު އޯލްރައުންޑަރު، ބެން ސްޓޯކްސް ބައިނަލްއަގުވާމީ ލެވަލްގައި ވަންޑޭ އިންޓަނޭޝަަނަލް (އޯޑީއައި) ކްރިކެޓުން ރިޓަޔާކުރަން ނިންމައިފި އެވެ.
އިނގިރޭސި ޖޯޒީގައި ސްޓޯކްސް، 31، ގެ ފަހު އޯޑީއައި މެޗަކީ މިއަދު ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ސްޓޯކްސް އެންމެ ފުރަތަމަ އޯޑީއައި މެޗެއްގައި ކުޅުނީ 2011 ވަނަ އަހަރު އެެވެ. އޯޑީއައި ކްރިކެޓުންގައި ސްޓޯކްސް ވަނީ 2919 ލަނޑު އެއްކޮށް 74 ވިކެޓް ނަގައިފަ އެވެ. ޖުމްލަ އެކު، 104 އޯޑީއައި ކުޅުނުއިރު، ތިން ފަހަރެއްގެ މަތިން ވަނީ ސެންޗެރީއެއް ހަދައިފަ އެވެ.
މިިދިޔަ އޭޕްރީލް މަހު އިންްގްލެންޑްގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ހަަމަޖެއްސި ސްޓޯކްސް، ޓެސްޓް ކްރިކެޓާއި ޓީ20 ކްރިކެޓް ލެވަލްގައި އިންގްލެންޑް ގައުމީ ޓީމަށް ކުޅޭނެ އެވެ.
"މި ވަގުތު އަހަރެންގެ ހާލަތަށް ބަލާއިރު ތިން ފޯމެޓްގައި އެއް ލެވަލަކަށް ނުކުޅެވޭނެ. އެހެންވީމަ، އަހަރެން ވަރަށް ވިސްނާފައި މި ނިންމީ، އޯޑީއައި ފޯމެޓްގައި ކުޅުން ހުއްޓާލަން. މިއީ ވަރަށް އުނދަގޫ ނިންމުމެއް. އޯޑީއައި ލެވަލްގެ ކްރިކެޓްގައި އަހަރެން ގައުމީ ޓީމުގައި ހޭދަކުރި ދުވަސްތައް އަބަދުވެސް ހަނދާން ހުންނާނެ،" ސްޓޯކްސް ބުންޏެެވެ.

އިންގްލެންޑްގެ މީޑިއާ އަކަށް ސްޓޯކްސް އިންޓަވިއުއެއް ދެނީ،--- ފޮޓޯ: އޭއެފްޕީ
އޯޑީއައި ލެވަލްގައި އިންގްލެންޑް ޓީމަށް ސްޓޯކްސްގެ އެންމެ ހާއްސަ މެޗަކީ 2019 ވަަނަ އަހަރުގެ އޯޑީއައި ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި ނިއު ޒީލެންޑް އަތުން އިންގްލެންޑް މޮޅުކޮށްދިން މެޗެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސްޓޯކްސް ވަނީ މެޗު ސުޕަ އޯވަރެއް ކުޅެން ޖެހުނުއިރު، އިންގްލެންޑް ޓީމަށް ތަފާތު ދައްކައިފަ އެވެ.
ސްޓޯކްސް ވަނީ ދާދި ފަހުން އިންގްލެންޑުން ރޯޔަލް ސީރީސްގައި އިންޑިއާ އަތުން ބަލިވި ފަހު މެޗުގައި ވެސް ކުޅެފަ އެވެ. ފަހު މެޗުގައި، ސްޓޯކްސް ވަނީ 48 ލަނޑު އެއްކޮށް، ތިން އޯވަރުގައި އުކައިފަ އެވެ.
މި އަހަރުގެ އޮކްޓޫބަރުގައި އިންޑިއާގައި ޓީ20 ކްރިކެޓް ވޯލްޑް ކަޕް ބާއްވަން ޝެޑިއުލް ކޮށްފައިވާއިރު، ސްޓޯކްސް އިންގްލެންޑް ޓީމުގައި ހިމެނޭނެ އެވެ.
ސްޓޯކްސް މި ފޯމެޓްގައި އެންމެ ފަހުން ޓީ20 ފޯމެޓްގެ އިންޓަނޭޝަނަލް ކްރިކެޓް މެޗެއް ކުޅުނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ސްޓޯކްސް ވަނީ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ވަގުތުތަކެއް ބޭނުންވާ ކަމަށް ބުނެ، ކްރިކެޓުން "ބްރޭކެއް" ނަގައިފަ އެވެ.












