ދައުރުވަމުންދާ ވީޑިއޯތަކެއްގައި ސިޔާސީ އިސް ބޭފުޅުންތަކެއް ކަމަށް ބެލެވޭ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކުގައި ފެންނަ ކަމަށް ބުނާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އިތުރު 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އަލަމްގީރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވެގެން އަލަމްގީރް މިއަދު ކޯޓަށް ހާޒިރު ކުރި އެވެ. އަދި ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރަށް ދީފަ އެވެ.
އަލަމްގީރް ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ. އަލަމްގީރް ފުރުން މަނާކޮށްފައިވާއިރު މީގެ ކުރިން އޭނާ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.
މިހާތަނަށް ދައުރުވެފައިވާ ވީޑިއޯތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ފުލުހަކު ވަނީ ފެނިފަ އެވެ.

ވީޑިއޯއިން ފެންނަނީ ނާޒިމް ކަމަށް އޭނާ އިންކާރު ކުރެ އެވެ. ނަމަވެސް ނާޒިމްގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި, ނާޒިމް ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
ކާނަލްގެ ފޮޓޯއެއް ފުރަތަމަ ދައުރުވިއިރު އެއީ އޭނާ ކަމަށް އެއްބަސްވި އެވެ. އެކަމަކު އޭނާ އެ ތަނަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށާއި ބަދު އަހުލާގީ އެއްވެސް އަމަލެއް ނުހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަހުން ވީޑިއޯތަކެއް ދައުރުވިއިރު، އޭގައި އޭނާ ނެތް ކަމަށް ވިދާޅުވި އެވެ.
ފުލުހެއްގެ ވީޑިއޯ ދައުރުވިއިރު، ތުހުމަތު ކުރެވޭ ފުލުސް މީހާ ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. ކާނަލް އާއި ނާޒިމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.













