ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ އިލްމުވެރިން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކުރި ދެ އިލްމުވެރިންނަކީ ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން އެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން ފަޒްލޫންގެ ބަންދަށް 16 ދުވަސް އަދި ނިޝާންގެ ބަންދަށް 13 ދުވަސް ޖެހި އެވެ.
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ހައި ކޯޓުން އަދި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިިންމާފައެއް ނުވެ އެވެ.
ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ.
މި މައްސަލައާ ގުޅިގެން، ނިޝާން އާއި ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި ދެ އިލްމުވެރިންގެ އިތުރުން ވެސް މި މައްސަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައާއި އެ ހަމަނުޖެހުން ރޭވި ކަމުގެ ތުހުމަތުގައި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެ އެވެ.
މައްސަލައިގެ ފަސްފަހަތް
ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.













