މެންޗެސްޓާ (ޖުލައި 18) - ފަހު މެޗުގައި ރިޝަބް ޕާންޓް ދެއްކި ތަފާތު ކުޅުމާ އެކު، އިންޑިއާ ގައުމީ ޓީމުން ރޯޔަލް ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ސީރީސް ކާމިޔާބުކޮށްފި އެވެ.
އިއްޔެގެ މެޗަށް ނުކުތްއިރު އިންޑިއާ އާއި އިންގްލެންޑް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެކަމަކު، އިއްޔެ ފަސް ވިކެޓުން މޮޅުވެ، އިންޑިއާ އިން ސީރީސް ކާމިޔާބުކުރީ އެވެ.
އޯލްޑް ޓްރެފޯޑްގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވީ އިންޑިއާ ޓީމަށެވެ. އެ ޓީމުން ނިންމީ ފީލްްޑް ކުރުމަށެވެ.
އިންގްލެންޑުން ކުޅެން އަރައި 45.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 259 ލަނޑެވެ. އިންޑިއާގެ ފީލްޑިންގައި ތަފާތު ދެއްކީ އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ އެވެ. އޭނާ ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ. އިންގްލެންޑްގެ ކެޕްޓަން، ޖޯސް ބަޓްލާ ނުބައިވީ 60 ލަނޑުންނެވެ. އެ ވިކެޓް ނެގީ، ހާޑިކް އެވެ. އިންޑިއާގެ ކުޅަދާނަ ބޯލަރު، ޖަސްޕްރީތު ބުމްރާ އަނިޔާގައި ހުރިއިރު، އިއްޔެގެ މެޗުގައި ވެސް މުހައްމަދު ސިރާޖު ވަނީ މޮޅަށް ކުޅެ، ދެ ވިކެޓް ނަގައިފަ އެވެ.

އިންޑިއާ އިން ކުޅެން އަރައި، ފުރަތަމަ ގުނަން ޖެހުނީ ޕްރެޝަރު ވަގުތުތަކެކެވެ. އިންޑިއާ އަށް ފުރަަތަމަ ހަތަރު ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 72 ލަނޑެވެ. ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާ ކޮންމެ ކުޅުންތެރިއަކަށް 17 ލަނޑު ހެދުނުއިރު، ސޫރްޔާކުމާރް ޔާދަވް އަށް ހެދުނީ 16 ލަނޑެވެ.
އެކަމަކު، ދެން ކުޅެން އެރި ޕާންޓްއާ އެކު ހުރިހާ ކަމެއް ބަދަލުވީ އެވެ. ޕާންޓް، 18 ވަނަ ލަނޑު ހެދިއިރު، އޭނާ ނުބައިކޮށްލަން ލިބުނު ފުރުސަތު އިންގްލެންޑްގެ ކްރެއިގް އޮވާޓަން ނަގާލުމަކީ މި މެޗުގައި އެ ޓީމު އަތުން ގެއްލުނު އެންމެ ބޮޑު ފުރުސަތެވެ.
ޕާންޓް ވަނީ ނުބައިނުވެ، 125 ލަނޑު އެއްކޮށް އިންޑިއާ މޮޅުކޮށްދޭން އެހީވެފަ އެވެ. މިއީ ވަންޑޭ އިންޓަނޭޝަނަލްސްގައި އޭނާގެ ފުރަތަމަ ސެންޗަރީ އެވެ. މީގެ ދެ އަހަރު ކުރިން ސެންޗަރީއެއް ހަދަން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ޕާންޓް ނުބައިވި ނަމަވެސް މި ފަހަރު އިންގްލެންޑާ ދެކޮޅަށް މުހިންމު ވަގުތުގައި ޕާންޓް ވަނީ ތަފާތު ދައްކައިފަ އެވެ.
ކުޅެން އަރައި، ދެން އިންޑިއާގައި ތަފާތު ދެއްކީ ހާޑިކް އެވެ. އޭނާ ވަނީ ނުބައިވިއިރު، 71 ލަނޑު އެއްކޮށްފަ އެވެ. އިންޑިއާ އިން 42.1 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު، 261 ލަނޑު އެއްކޮށްފައިވުމުން އެ ޓީމު މެޗުން މޮޅުވެ، ސީރީސް ކާމިޔާބުވީ އެވެ.












