ގދ. ގައްދޫގައި މަސްދޯންޏެއް ބަނުމަށް އެ ރަށު އަބްދުﷲ ވަހީދު އާ ހިއްސާވެގެން އަބްދުލް ލަތީފު ފެށީ މީގެ އަށް އަހަރު ކުރިންނެވެ.
ފޮނި އުންމީދުތަކާއެކު އަމިއްލަ ދޯންޏެއްގައި މަސްވެރިކަން ކުރުމަށްޓަކަ އެވެ. ނަމަވެސް އެ އުންމީދުތަކުގައި ކުލަ ނުޖެހި ދެ މީހުން އެކަނިމާ އެކަނި ކުރި މަސައްކަތް މިއަދު ވަނީ އަނދާ އަޅިއަށްވެފަ އެވެ.
"ބޮޑަށް ހީވަނީ އެއީ ކަރަންޓު ޝޯޓެއްހެން،" ބަންނަމުން ދިޔަ ދޯނީގައި މިއަދު ހިނގި އަލިފާނުގެ އެ ހާދިސާ އާ ގުޅިގެން އެ ދޯނީގެ އެއް ހިއްސާދާރު އަބްދުލް ލަތީފު މި ނޫހަށް ބުންޏެވެ.
ދޯނީގައި މަސައްކަތް ކުރުމަށްފަހު ދެ މީހުންވެސް މެންދުރު ކާން ގެއަށް އައިސް މަޑުކުރީ ގޭގައި ކުޑަ މަސައްކަތެއް ކުރަން ހުރުމުންނެވެ. އޭރު އެ ދޯނީގެ މަސައްކަތުގައި ގެންގުޅޭ ބިދޭސީ މީހާ ވީ ދޯނީގެ ފައިބަރު މަސައްކަތެއް ކުރަން ގޮހެވެ.

ގައްދޫގައި މިއަދު ރޯވި ދޯނި-- ފޮޓޯ: އަދަދު

"އަހަރުމެން ދިޔައީ އޭނަ ގުޅީމަ. ބުނީ ކުޑަކޮށް ކަނިކަނި އެބަ ހުއްޓޭ. އަހަރުމެން އެހެން ބުނީމަ ދެން ދިޔައީ،" ލަތީފް ބުންޏެވެ.
ދޯންޏާ ހިސާބަށް ދެވުނުއިރު ހުރީ ވަރަށް ބޮޑަށް ރޯވެފައި ކަމަށާއި އޭރު އަލިފާން ހިފާފައި ހުރީ ގެގަނޑުގައި ކަމަށް އޭނާ ބުންޏެވެ.
އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގައްދޫ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލި ނަމަވެސް، ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

ގައްދޫގައި މިއަދު ރޯވި ދޯނި-- ފޮޓޯ: އަދަދު
ދޯނީގެ ގެގަނޑު އެއްކޮށް ހުރީ އަނދާފައި. މަތިވަނޑާންގަނޑުވެސް އެއްކޮށް ހުރީ ހަލާކުވެފައި. ފަހަތުބައި ކިރިޔާވެސް ބޭނުން ކުރެވޭ ގޮތަށް އިނީ،" ލަތީފް ބުންޏެވެ.
އޭނާ ބުނީ މި ދޯނި މި އަހަރު ޑިސެމްބަރުގައި ބޭލުމަށް ތައްޔާރުވި ކަމަށެވެ.
"ދޯނީގެ 95 ޕަސެންޓު ނިމިފަ ހުއްޓާ އެ އެނދީ. ދޯނި ބާލަން ނިންމައިގެން ތިބީ މި ޑިސެމްބަރަށް،"

ގައްދޫގައި މިއަދު ރޯވި ދޯނި ކައިރީ އެ ރަށު މީހުން ހަރަކާތްރެިވަނީ -- ފޮޓޯ: އަދަދު
އައްޑިހަ ތިން ފޫޓު ދިގު އެ ދޯނި ހެދުމަށް ވޭތުވެދިޔަ އަށް އަހަރުތެރޭގައި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ދޯނި ހަދަމުން އައީ ލޯނެއް ނަގައިގެން ނޫން ކަމަށާއި އެކަން ކުރަމުން އައީ ދަރިންނަށް ލިބޭ މަދު އެތިކޮޅުން ކަން ވެސް އޭނާ ކިޔައިދިނެވެ. އެއީ މި ދޯނި ނިންމަން އެހާ ގިނަ ދުވަސްނެގި ސަބަބެކެވެ.













