މެންޗެސްޓާ (ޖުލައި 17) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން އެމެރިކާގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރީ ސީޒަން ޓުއާގައި ސީނިއާ ހަތަރު ކުޅުންތެރިން ބައިވެރިނުވާ ކަމަށް އެ ޓީމުން ހާމަކޮށްފި އެވެ.
ޓުއާގައި ބައިވެރިނުވަނީ ފިލް ފޯޑެން، އިލްކާއި ގުންޑޮގާން، ޖޯން ސްޓޯންސް އަދި އައިމެރިކް ލަޕޯޓް އެވެ. ސިޓީން ބުނީ މި ހަތަރު ކުޅުންތެރިންނަށް މި ވަގުތުގެ ހާލަތު ހުރި ގޮތުން ސިޓީގެ އެމެރިކާ ޓުއާގައި ބައިވެރިވެވެން ނެތް ކަމަށެވެ.
މި ހަތަރު ކުޅުންތެރިންނަށް އެމެރިކާ ޓުއާގައި ބައިވެރިނުވެވޭ ސަބަބެއް ސިޓީން ރަސްމީކޮށް އޮޅުންފިލުވައިދީފައިނުވެ އެވެ. އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަތަރު ކުޅުންތެރިންގެ ތެރެއިން ގުންޑޮގާން އާއި ފޯޑެން އަދި ސްޓޯންސް އަށް އެމެރިކާ އަށް އެތެރެނުވެވުނީ ކޮވިޑް-19 ވެކްސިން މައުލޫމާތު ފުރިހަމަނުވާތީ އެވެ.
ޗެލްސީން ވެސް އެމެރިކާ ޓުއާ އަށް އައީ ކޮވިޑް-19 ވެކްސިން މައުލޫމާތު ފުރިހަމަނުވާތީ، އެންގޯލޯ ކާންޓޭ އާއި ރުބެން ލޮފްޓަސް-ޗީކް ނުލަ އެވެ.
ސިޓީގެ ލަޕޯޓް ހުރީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ ޓުއާގައި ބައިވެރިނުވެވޭ ސިޓީގެ ކުޅުންތެރިން އެ ކްލަބްގެ އެލީޓް ޑިވެލޮޕްމަންޓް ސްކޮޑާ އެކު ކްރޮއޭޝިއާގައި ޓްރެއިނިންތައް ކުރިއަށްގެންދާނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީއާ ގުޅުނު އާލިން ބްރައުޓް ހާލަންޑާއި ހޫލިއަން އަލްވަރޭޒް އަދި ކަލްވިން ފިލިޕްސް އެމެރިކާ ޓުއާގައި ބައިވެރިވެ އެވެ. އަދި ސިޓީގައި މުސްތަގުބަލު އޮތްގޮތެއް ކަށަވަރުނުވާ ދެ ޑިފެންޑަރުން ކަމަށްވާ، ނޭތަން އަކޭ އާއި އޮލެކްސަންޑަ ޒިންޗެންކޯ ވެސް ވަނީ ޓުއާ އަށް ގެންގޮސްފަ އެވެ.
ޓުއާގައި ސިޓީން ދެ މެޗެއް ކުޅޭނެ އެވެ. އެއީ ކްލަބް އެމެރިކާ އާއި ބަޔާން މިއުނިކާ ދެކޮޅަށެވެ. ސިޓީ އަށް ސީޒަން ފަށާނީ މި މަހު 30 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ.












