އެމެރިކާގެ އޮރެގޯންގައި މިހާރު ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަަހަނައަޅައި ގޮސް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިިޔާ، ހަސަން ސާއިދު ފުރަތަމަ ބުރުގައި ވާދަކޮށްފި އެވެ.
ސަތޭކަ މީޓަރުގެ ޕްރިލިމިނަރީ ހީޓްގެ ފަސް ވަނަ އަށް ދިޔަ ސާއިދު، އަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭ ގޮތްނުވީ ހީޓްގެ އެންމެ ފަަހަތުން ނިންމަން ޖެހުމުންނެވެ. ސާއިދު ޕްރިލިމިނަރީ ބުރު ނިންމީ، 10.77 ސިކުންތުންނެވެ. އަދި ފުރަތަމަ ބުރު ނިންމި ޓައިމިން އަކީ 10.83 ސިކުންތެވެ.
ޕްރިލިމިނަރީ ބުރުގައި ސާއިދު ހިމެނުނު ހީޓުގެ ގަދަ ހަތަރެއްގައި ނިންމި އެތުލީޓުންނަކީ 10.49 ސިކުންތުން އެއް ވަނައިގައި ނިންމި ޕެރަގުއޭގެ ސެޒާ އަލްމިރޯން، 10.66 ސިކުންތުން ދެ ވަނައިގައި ނިންމި ތަޖިކިސްތާންގެ އިލްދާރު އަހްމަދިއޭފް، 10.68 ސިކުންތުން ނިންމައި ތިން ވަނަ އަށް ދިޔަ ލެބަނަންގެ ނޫރައްދީން ހަދީދް އަދި ހަތަރެއްގައި ނިންމި ބެލީޒްގެ ޝޯން ގިލް އެވެ.

ސާއިދު ވޯލްޑް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ހީޓުގައި ދުވަނީ.--- ފޮޓޯ: އޭއެފްޕީ
ޝޯން ގިލް ނިންމީ 10.76 ސިކުންތުންނެވެ. އެއީ ސާއިދަށް ވުރެ މިލި ސިކުންތެއް އަވަހަށެވެ.
ފުރަތަމަ ބުރުގައި ސާއިދު ވާދަކުރަން ޖެހުނީ ވަރުގަދަ އެތުލީޓުން ހިމެނޭ ހީޓެއްގަ އެވެ. ސާއިދު ދުވި ފުރަތަމަ ބުރުގެ ހީޓް ދޭއްގެ އެއް ވަނަ ހޯދީ އެމެރިކާގެ ފްރެޑް ކާލީ އެވެ. އޭނާގެ ޓައިމިން އަކީ 9.79 ސިކުންތެވެ. ދެ ވަނައިގައި ނިންމި އިނގިރޭސި ދުވުންތެރިޔާ، ޒާނެލް ހިއުސް ވަނީ 9.97 ސިކުންތުން ރޭސް ނިންމައިފަ އެވެ.
ތިން ވަނަ ހޯދި ލައިބީރިއާގެ އެމަނުއަލް މަޓާޑީ ވަނީ 9.99 ސިކުންތުން ރޭސް ފުރިހަމަކޮށްފަ އެވެ. ހަތަރަކަށް ދިޔަ ނައިޖީރިއާގެ ފޭވޯ އޮޖީނީ ވަނީ 10.00 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި ދެ ވަނަ ބުރުގެ ފަހު ޖާގަ މި ހީޓުން ހޯދި، ފަސް ވަނަ އަށް ދިޔަ، ޗައިނާގެ ބިންޝިއާން ސޫ ނިންމީ 10.15 ސިކުންތުންނެވެ.

ފުރަތަމަ ބުރުގެ ހީޓް ދޭއްގެ އެއް ވަނަ ހޯދި އެމެރިކާގެ ކާލީ (ކ) އާއި ސާއިދު (ވ).--- ފޮޓޯ: އޭއެފްޕީ
މި ހީޓުގެ ފަހަތަށް ދިޔައީ 10.22 ސިކުންތުން ނިންމި ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޖެރަޑް އެލްކޮކް، 10.24 ސިކުންތުން ނިންމި ގުޔާނާގެ އެމަނުއަލް އޯޗިބޯލްޑް އަދި ސާއިދު އެވެ. ސާއިދުގެ ޓައިމިން އަކީ 10.83 ސިކުންތެވެ.
ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު ސާއިދު އަށް ދެން އޮތީ ބައިނަލްއަގުވާމީ ވަރުގަދަ ދެ ގޭމްސް އެވެ. އެއީ މި މަހު ފަހުކޮޅުގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސް އާއި އަންނަ މަހު އަށް ވަނަ ދުވަހު ތުރުކީގެ ކޮންޏާގައި ފަށަން ތާވަލުކޮށްފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އެވެ.










