ބާސެލޯނާ (ޖުލައި 16) - ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ވިއްކާލަން އެންމެ ފަހުން އެއްބަސްވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ބާސެލޯނާ އަށް ސޮއިކުރަން ނިންމައިފި އެވެ.
އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބަޔާންގެ ކޮންޓްރެކްޓްގައި ހުރި ލެވަންޑޯސްކީ، 33، ތަކުރާރުކޮށް ބުނަމުން އައީ ބަޔާނުން އޭނާ ދޫކޮށްދިނުމަށެވެ. އެކަމަކު، ބަޔާނުން އެ ގޮތް ގަބޫލުނުކޮށް، ލެވަންޑޯސްކީ ކޮންޓްރެކްޓް ނިމެންދެން މަޑުކުރުވަން ބާރުގެ ބޭނުންކުރި އެވެ. އެހެންވެ، އެންމެ ފަހުން، ލެވަންޑޯސްކީ އަށް ޖެހުނީ މިދިޔަ ހަފްތާގައި ބަޔާންގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިވާށެވެ.
އެހެން ނަމަވެސް ބަޔާންގެ ބޯޑުން މިދިޔަ ދުވަސްތަކުގައި ބޭއްވި ކުއްލި ބައްދަލުވުންތަކަށް ފަހު ނިންމީ ގަދަބާރުން ލެވަންޑޯސްކީ މަޑުކުރުވުމުގެ ބަދަލުގައި 50 މިލިއަން ޑޮލަރު ލިބޭ ޑީލަށް އޭނާ ބާސެލޯނާ އަށް ދޫކޮށްލުމަށެވެ. ބާސެލޯނާ އިން ލެވަންޑޯސްކީގެ ސޮއި ހޯދަން އެ އަގު ދޭން ތައްޔާރަށް އޮތުމުން މިހާރު އެ ޑީލް ހިނގާނެކަން ވަނީ ޔަގީންވެފަ އެވެ.
މިދިޔަ ދެ އަހަރު ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލެވަންޑޯސްކީ، މިއަދުގެ ވަގުތެއްގައި ބާސެލޯނާގެ މެޑިކަލް ފުރިހަމަކުރުމަށް ފަހު އެ ކްލަބާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. އަދި އެ އެއްބަސްވުމުގައި ބާސެލޯނާ އިން ބޭނުންނަމަ އިތުރު އެއް އަހަރަށް ލެވަންޑޯސްކީ މަޑުކުރެވޭ ގޮތަށް ހިމަނާނެ އެވެ.
ބަޔާނުން ލެވަންޑޯސްކީ ވިއްކާލަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޔުވެންޓަސް އިން ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ގަންނަން ފަންޑް ހޯދުމަށެވެ. ޔުވެންޓަސް އިން ޑި ލިޓް ދޫކޮށްލަން އެންމެ ކުޑަކޮށް ކިޔާ އަގު ވެސް އުޅެނީ 90 މިލިއަން ޑޮލަރުގަ އެވެ.
ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. މިދިޔަ އަހަރުތަކުގައި ބަޔާނުން ޖެހިޖެހިގެން ޖަރުމަނު ލީގު ދިފާއުކުރުމުގައި ލެވަންޑޯސްކީގެ ގޯލުތައް މުހިންމު ރޯލެއް ކުޅުނެވެ. ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ މިހާތަނަށް ތިން ކުޅުންތެރިއަކުގެ ސޮއި ހޯދައިފަ އެވެ. އެއީ ހިލޭ ޓްރާންސްފާއެއްގައި ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަން، އޭސީ މިލާންގެ ފްރޭންކް ކެސިއޭ އަދި ލީޑްސް ޔުނައިޓެޑަށް ޖުމްލަ 68 މިލިއަން ޑޮލަރު ދޭ ގޮތަށް ގެނައި، ބްރެޒިލްގެ ވިންގް ރަފީނިއާ އެވެ.












