ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވައިފި

ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވައިފި

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެންމެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ގޮތަބަޔާގެ އިސްތިއުފާގެ ސިޓި ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މިހާރު ލިބިފައިވާ ކަމަށް އެ ގައުމުގެ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިވަގުތު ސިންގަޕޫރުގައި ހުންނެވި ރައީސް ގޮތަބަޔާގެ އިސްތިއުފާ މަޖިލީހުގެ ރައީސް މިރޭގެ ވަގުތެއްގައި އިއުލާނު ކުރައްވާނެ ކަމަށްވެ އެވެ. އޭގެ ކުރިން ކުރަންޖެހޭ ބައެއް ރަސްމީ މަސައްކަތް ހުރެ އެވެ. އެގޮތުން ސިޓީގެ ސައްހަކަން ކަށަވަރު ކުރަންޖެހެ އެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވާފައި މި ވަނީ ބުދަ ދުވަހުގެ މެންދުރު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި އޮއްވަ އެވެ. އަދި ފަހުން ރާއްޖޭގައި ހުންނަވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ގުޅުއްވައި ރޭ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވާފައި މި ވަނީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ލަންކާ އެއާފޯސްގެ އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެން 32 ގަޑިއިރު ރާއްޖޭގައި ހޭދަ ކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވިތާ ކުޑަ ވަގުތުކޮޅެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލަންކާގެ ރައީސް އެ ގައުމުގައި ތާށިވެ، ފުރާނަފުޅަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހާލަތެއްގައި ހުންނެވި ނަމަ އަދިވެސް އިސްތިއުފާ ނުދެއްވީސް ކަމަށެވެ.

"[މިކަމުގައި] ދިވެހި ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކަށް އަޅުގަނޑު ސާބަސް ދެން. އަޅުގަނޑުގެ ހެޔޮ ދުއާ ސްރީ ލަންކާގެ ރައްޔިތުންނަށް،" ނަޝީދު މިރޭ 7:06 ގައި އިނގިރޭސިން ލިޔުއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ގަޑިއެއްހާއިރު ކުރިން ނަޝީދު ވަނީ ހުޅުލެއިން ފެނިފަ އެވެ. ނަމަވެސް ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާއި ރާއްޖެއިން ސިންގަޕޫރަށް ފުރުމުގައި ނަޝީދު ދައުރެއް އަދާ ކުރެއްވިކަން ނުވަތަ އެމަނިކުފާނު އަދާ ކުރެއްވި ދައުރެއް ވެސް ނޭނގެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންވިއިރު ރައީސް ސޯލިހު ހުންނެވީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް އަނބިކަނބަލުން ފަޒްނާ އަހުމަދާއެކު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންނެވެ. ރައީސް ސޯލިހު މާލެއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ރައްޔިތުން އެމަނިކުފާނުގެ ގެކޮޅަށް ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އެންމެ ފުރަތަމަ އެމަނިކުފާނު މަސައްކަތް ކުރެއްވީ ޑުބާއީއަށް ވަޑައިގަތުމަށެވެ. ނަމަވެސް ވީއައިޕީން ވަޑައިގަތުމަށް ލަންކާގެ އިމިގްރޭޝަނުން ހުއްދަ ނުދިނުމުން، އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގަތީ އެވެ.

އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާއެކު ރާއްޖެ ވަޑައިގެންނެވި ދެ އިންޖީނުލީ އެންޓެނޮވް-32 މަރުކާގެ ބޯޓުގައި އެމަނިކުފާނު ރާއްޖެ ގެންނެވުމަށް ސްރީ ލަންކާގެ އެއާފޯސްއަށް އަމުރު ކުރެއްވީ ހުދު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox