ސިންގަޕޫރު (ޖުލައި 14) - ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލްގެ އެޓޭކް ބަދަލުކުރަން ޖެހޭކަން ކުރިން ވެސް އެނގޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުގެ ކުރިއަށް ކުޅެމުން އަންނަ، ސަޑިއޯ މާނޭ އާއި ޓަކޫމީ މިނަމީނޯ ވިއްކާލުމުގެ އިތުރުން ޑިވޮކް އޮރީގީ ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލައިފަ އެވެ. މާނޭ ބަޔާނަށް ވިއްކާލީ 43 މިލިއަން ޑޮލަރަށެވެ. މޮނާކޯ އިން މިނަމީނޯ ގަތީ 20 މިލިއަން ޑޮލަރަށެވެ. އަދި އޭސީ މިލާނުން އޮރީގީގެ ސޮއި ހޯދީ ގިނަ ކްލަބްތަކަކާ ވާދަކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ ސީޒަނަށް ލިވަޕޫލުން ސޮއިކުރި ތިން ކުޅުންތެރިންގެ ތެރޭގައި އެޓޭކިން މަގާމުތަަކަށް ކުޅޭ ދެ ކުޅުންތެރިން ގަތެވެ. އެއީ އަށް މިލިއަން ޑޮލަރަށް ފުލަމް އިން ގެނައި، ޕޯޗުގީސް ވިންގް، ފަބިއޯ ކަވާލިއޯ އާއި ބެންފީކާ އަށް 100 މިލިއަން ޑޮލަރު ދައްކާގޮތަށް ގަތް، އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ.
"އަހަރެމެންނަށް ގެއްލުނީ ސަޑިއޯ (މާނޭ) އެކަންޏެއް ނޫން. ޓަކި އާއި އޮރީގީ ވެސް އެއީ މުހިންމު ކުޅުންތެރިންތަކެއް، މި ދަނޑިވަޅަށް ބަލާއިރު، އަހަރެން މި އައީ މި ކަމަށް ތައްޔާރުވަމުން، މި ކުޅުންތެރިން ޓީމު ދޫކޮށްދާނެކަން އެނގުނު ހިސާބުން އެހެން ގޮތްގޮތުން ވިސްނަން ފަށައިފިން،" ކްލޮޕް ބުންޏެވެ.
ޕްރީ ސީޒަނުގެ ފުރަތަމަ މެޗުގައި ލިވަޕޫލުން 32 ކުޅުންތެރިން ބޭނުންކުރިއިރު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ވަނީ 4-0 އިން ބަލިވެފަ އެވެ.
ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ދެމިހުންނަން ކްލޮޕް ވަނީ ދާދި ފަހުން ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައިވާ ގޮތުން ކްލޮޕް ލިވަޕޫލް ދޫކޮށްލާނީ 2026 ވަަނަ އަހަރުގެ ޖޫން މަސް ނިމުމުންނެވެ.
ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
"މިއީ އަހަރެން ލިވަޕޫލްގައި ހަތް ވަނަ އަހަރު. އަހަރެމެން އަބަދަކު އެއްގޮތަކަށް މަސައްކަތް ކޮށްގެން ނުވާނެ. އެއް ރޭވުމެއްގައި ގޮސްގެން ވެސް އެއީ ކުރިއެރުމެއް ނޫން. އަނެއް ލެވަލަށް ދާން އަހަރެމެން އާ ކުޅުންތެރިން ލައިގެން ތަފާތު ސިސްޓަމަށް ކުޅެން ދަސްކުރަންޖެހޭ،" ކްލޮޕް ބުންޏެވެ.
ނޫނޭޒް އާއި ކަވާލިއޯގެ އިތުރުން އެބަޑީންގެ ޒުވާން ފުލްބެކް، ކަލްވިން ރަމްސޭ ވަނީ ލިވަޕޫލަށް ބަދަލުވެފަ އެވެ. ލިވަޕޫލުން ވަނީ މުހައްމަދު ސަަލާހުގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެެ. ޑިފެންޑަރު، ޖޯ ގޯމޭޒް ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، ޖޭމްސް މިލްނާ ވެސް ވަނީ އިތުރު އެއް އަހަރަށް މަޑުކޮށްފަ އެެެވެ.












