ލަންޑަން (ޖުލައި 13) - ޗެލްސީން މެންޗެސްޓާ ސިޓީގެ ވިންގް، ރަހީމް ސްޓާލިން އާއި ނަޕޯލީގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.
ޗެލްސީން މިހާރު ވަނީ ސްޓާލިން، 27، އާއި ކުލިބާލީ، 31، ގަންނަން ސިޓީ އާއި ނަޕޯލީއާ އެކު އަގަކަށް އެއްބަސްވެފަ އެވެ. އެ ގޮތުން ސްޓާލިން ގަންނާނީ 60 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އަދި ކުލިބާލީ ގަންނަން 40 މިލިއަން ޑޮލަރު ދޭން ޗެލްސީ އޮތީ ތައްޔާރަށެވެ. މި ދެ ޓްރާންސްފާ އަށް ޖުމްލަ އެކު 100 މިލިއަން ޑޮލަރު ޗެލްސީން ހަރަދުކުރާނެ އެވެ. މިއީ ޗެލްސީގެ އާ ވެރިޔާ، ޓޮޑް ބޯލީގެ ލީޑަޝިޕުން ނިންމާ ފުރަތަމަ ޓްރާންސްފާތަކެެވެ.
ލަސްވެގެން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކުލިބާލީ އާއި ސްޓާލިން ޗެލްސީއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޓާލިން ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދާއިރު، ކުލިބާލީ ސޮއިކުރާނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ކަމަށްވެ އެެވެ.
ސިޓީ އަށް ހަތް އަހަރުން، 300 އަށް ވުރެ ގިނަ މެޗު ކުޅެ، 131 ލަނޑު ޖަހާފައިވާ ސްޓާލިން ވަނީ އެ ކްލަބާ އެކު ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސްޓާލިން ވަނީ ސިޓީ ދޫކޮށްލަން ނިންމާފައިވާކަން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.
ލިވަޕޫލުން 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑް (60 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ސިޓީ އަށް ބަދަލުވި ސްޓާލިން ދެކޭގޮތުގައި ކެރިއަރުގެ އެންމެ މުހިންމު ހިސާބުގައި ޗެލްސީ އަށް ބަދަލުވުމަކީ އޭނާ އަށް ކުރިއަށް އެޅޭ ފިޔަވަޅެކެވެ.
ފްރާންސަށް އުފަން ކުލިބާލީ އަކީ މި އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ސެނެގާލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ބެލްޖިއަމްގެ ގެންކް ދޫކޮށް 2014 ވަނަ އަހަރު އިޓަލީގެ ނަޕޯލީ އަށް ބަދަލުވި ކުލިބާލީ ހޯދަން ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭ ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރި އެެވެ.
އެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް ފީ އަކަށް ހެރީ މެގުއާ ގަތުމުގެ ކުރިން 2019 ވަނަ އަހަރު ކުލިބާލީ އަށް 70 މިލިއަން ޑޮލަރުގެ ބިޑެއް ކުރި އެވެ. އެކަމަކު، އޭރު ނަޕޯލީން ކުލިބާލީ ވިއްކާލަން ކީ އަގު އުޅެނީ މާ މަތީގަ އެވެ.
ޓްރާންސްފާ މާކެޓްގައި ޗެލްސީން ޑިފެންޑަރެއް ގެންނަން ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައި އެ ޓީމުގެ ދެ ޑިފެންޑަރުން ކްލަބް ދޫކޮށްލުމާ ގުޅިގެންނެވެ. އެ ގޮތުން ޗެލްސީ އަށް ކުޅެމުން އައި ޑެންމާކްގެ އަންދްރެއަސް ކްރިސްޓެންސަން ބާސެލޯނާ އަށް ބަދަލުވިއިރު، އެންޓޯނިއޯ ރޫޑިގާ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ކުލިބާލީގެ އިތުރުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދެން ފާރަލަމުން އަންނަ ޑިފެންޑަރަކީ، މެންޗެސްޓާ ސިޓީގެ ނޭތަން އަކޭ އެވެ. އަކޭ އަކީ ޗެލްސީގެ ޔޫތު ޓީމަށް ކުޅުނު ޑިފެންޑަރެކެވެ.












