ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ބައިނަލްއަގުވާމީ ވަރުގަދަ ތިން މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
އެ ގޮތުން، ސާއިދު، 30، އެންމެ ފުރަތަމަ ވާދަކުރާނީ އަންނަ ހުކުރު ދުވަހު، އެމެރިކާގެ އޮރެގޯންގައި ފަށާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ސާއިދު ވާދަކުރަނީ 100 މީޓަރު އިވެންޓްގަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރަނީ ސާއިދު އެކަންޏެވެ.
އެތުލެޓިކްސްގެ ދުނިޔޭގެ މުބާރާތަށް ފަހު ސާއިދު ދެން ވާދަކުރާނީ މި މަހު 29 ވަނަ ދުވަހު އިންގްލެންޑްގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސްގަ އެވެ. ކޮމަންވެލްތު ގޭމްސްގައި ސާއިދުގެ އިތުރުން އަންހެން ރިލޭ ޓީމުގައި ބައިވެރިވެ އެވެ. ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.
ކޮމަންވެލްތު ގޭމްސް އަށް ފަހު ދެން ސާއިދު އަށް އޮތީ، އަންނަ މަހު އަށް ވަނަ ދުވަހު ތުރުކީގެ ކޮންޏާގައި ފަށާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އެވެ. އެ ގޭމްސްގައި ސާއިދުގެ އިތުރުން 11 އެތުލީޓުން ވާދަކުރާނެ އެވެ. އެ އެތުލީޓުންނަކީ ރޫޔާ، ލަޔާނާ، ރިފާ، ނޫރާ، ހިމްނާ، އަލްހާ، މިންހާލް، އިބާދުﷲ އާދަމް، ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒީކް އަދި ނާހިލް ނިޒާރު އެވެ.
ސާއިދު ވަނީ މި އަހަރު ސާބިއާގައި ކުރިއަށްދިޔަ ދުނިޔޭގެ އިންޑޯ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށްފަ އެވެ.
ސާއިދު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.
އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.
ދެ އޮލިމްޕިކްސްއެއްގައި ވާދަކުރުމުގެ ޝަރަފް ލިބިފައިވާ މަދު ދިވެހި އެތުލީޓުންގެ ތެރޭގައި ސާއިދު ހިމެނެ އެވެ. ސާއިދު އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކުރިއިރު، ޕްރިލިމިނަރީ ހީޓުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދި އެވެ. ސާއިދު، އެ ހީޓުގެ އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ.










