މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ އައިމިނަތު ޒާރާ ރިޔާޒް މިއަދު ހަވީރު ފުލުހުންނަށް ފެނިއްޖެ އެވެ.
ކުއްޖާ ފެނުނުކަން ފުލުހުން ކަަށަވަރުކޮށްދެ އެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ.
"މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްތަކަށް ހިއްސާކުރެއްވި މެސެޖްގައިވެ އެވެ.
ޒާރާ ގެންދަނިކޮށް ފެނުނު ބަޔަކު "އަދަދު" އަށް ބުނި ގޮތުގައި އެ ކުއްޖާ ފެނުނީ ކަސްޓަމްސް ކައިރިންނެވެ.
ޒާރާގެ ދައްތަ ލައްޔާ ރިޔާޒް ވެސް ވަނީ ޒާރާ ފެނިފައިވާ ކަން މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. "ޒާރާ ހުރީ ސަލާމަތުން،" ކަމަށް އޭނާގެ ދައްތަ ލައްޔާ ބުންޏެވެ.

އެ ކުއްޖާގެ ދައްތަ މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރެވެ.
"އޭރު ގެއިން ނުކުމެގެން ދިޔައިރު ލައިގެން ހުރީ ނޫ ކުލައިގެ ޖީންސްއަކާއި، ކަޅު ކުލައިގެ ޓޮޕްއަކާއި ބުރުގަލެއް، އޭރު ގެއިން ދިޔަ ފަހުން އަދި ހަބަރެއް ނުވޭ،" އެ ކުއްޖާގެ ދައްތަ ލިޔެފައިވެ އެވެ.












