ޗެލްސީގެ ވެރިޔާ ބޯލީ އަށް "ލިވަޕޫލް މޮޑެލް" ކަމުދިޔައީ ކީއްވެ؟

Jul 12, 2022, 5:40 AM
ޗެލްސީގެ ވެރިޔާ ބޯލީ އަށް "ލިވަޕޫލް މޮޑެލް" ކަމުދިޔައީ ކީއްވެ؟

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން 5.2 ބިލިއަން ޑޮލަރަށް ޗެލްސީގެ ޑީލް ނިންމާލީ މިދިޔަ މެއި މަހު އެވެ. އޭގެ ފަހުން މި ހިނގި ދޮޅު މަހެއްހާ މުއްދަތުގައި ޗެލްސީން ވަނީ ކްލަބް ހިންގުމާއި، ކުޅުންތެރިން ސޮއިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.

ޗެލްސީ އަކީ 2003 ވަަނަ އަހަރުން ފެށިގެން ބަލާނަމަ، އިނގިރޭސި ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމެވެ. އެ ކްލަބް ކޮޅަށް ޖެހުމުގައި، ކުރިން ހުރި ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އަމަލުކޮށްފައިވަނީ، ކޮންމެ ނިންމުމެއްގައި ވެސް ކްލަބް ކާމިޔާބީގެ ޓްރެކުގައި ބޭއްވުމަށެވެ.

އަބްރަމޮވިޗް ހަވާލުވި ފަހުން ޗެލްސީ އަށް ތަފާތު 13 ކޯޗުން އިރުޝާދުދިންއިރު، 21 ތަށި ހޯދި އެވެ. އަބްރަމޮވިޗް ވަނީ ޗެލްސީ އަނެއް ހަރުފަތަށް ގެންދަން ދެ މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކްލަބަށް ދީފަ އެވެ. އެ ޓީމު ދޫކޮށްލަން ނިންމިއިރު، އަބްރަމޮވިޗް ކްލަބްގެ ބޯޑަށް އެންގީ އެ ލޯން އަނބުރާ ނުދައްކައި، ކްލަބްގެ އެކި ޑިވެލޮޮޕްމަންޓް ކަންކަމަށް ހަރަދުކުރުމަށެވެ. ހާއްސަކޮށް ސްޓޭޑިއަމް ތަރައްގީ ކުރުމުގެ ޕްލޭނަށް ގިނަ ފައިސާ އިންވެސްޓްކުރަން އަބްރަމޮވިޗް އެދުނެވެ.

ބޯލީ ހަވާލުވި ފަހުން ޗެލްސީން މިހާތަނަށް ރަސްމީކޮށް ކުޅުންތެރިއަކު ސޮއިކޮށްފައި ނުވެ އެވެ. އެކަމަކު، ކްލަބް ހިންގުމަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް މުހިންމު ތިން ކަމެއް ނިންމި އެވެ. އެއީ އޭނާ ބޭނުންވާ މޮޑެލް އަށް ކްލަބް ހިންގުމުގެ ބޭނުމުގައި އާ ބަޔަކު ކްލަބްގެ އެކި މަގާމުތަކަށް ގެންނާށެވެ.

މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި ޑިރެކްޓަރު މަރީނާ ގްރަނޯސްކާއިއާ އަދި ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރު، ޕީޓަ ޗެކް ވަނީ މަގާމުން ވަކިވެފަ އެެެވެ. އެ ތިން މީހުން ވެސް މަގާމުން ވަކިވުމުގެ ކުރިން ދިން އިންޓަވިއުގައި ފާހަގަކުރި އެއް ކަމަކީ "އާ މޮޑެލް އަކަށް ކްލަބް ހިންގަން ފުރުސަތު ދޭން ބޭނުންވާ" ކަމަށެވެ.

ދާދި ފަހުން ބްލޫމްބާގަށް ދިން އިންޓަވިއުއެއްގައި ބޯލީ ބުނީ ކްލަބް ހިންގުމުގައި ފާއިތުވި 10 އަހަރަށް ބަލާއިރު، އެންމެ ކާމިޔާބު މޮޑެލް އެއް ގެންގުޅުނު އެއް ކްލަބަކީ ލިވަޕޫލް ކަމަށެވެ.

"ލިވަޕޫލްގައި އެ އޮތީ އަހަރެން ވަރަށް ގަޔާވާ މޮޑެލް އެއް. ލިވަޕޫލުން އާމްދަނީ އެބަ ހޯދާ އެކި ގޮތްގޮތުން، ޓީމަށް އިންވެސްޓްކުރަނީ ޓީމުގެ ތެރެއިން ޖެނެރޭޓްކުރާ ފައިސާއިން. އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވެސް އެ ކްލަބްގެ ތެރެއިން އެ އޮތީ ގެނެސްފައި،" ބޯލީ ބުންޏެވެ.

ބޯލީ އެންމެ ބޮޑަށް ލިވަޕޫލާ މެދު ގަޔާވީ އެ ކްލަބްގެ އިންފްރާސްޓްރަކްޗާ އަށް އައިސްފައިވާ ބަދަލާއި ހިންގުމުގައި ގެންގުޅޭ އޮނިގަނޑު ރަނގަޅުވެ، އޭގެ ނަތީޖާ ފެންނާތީ އެވެ.

ލިވަޕޫލުން ކަންތައް ކުރީ ކިހިނެއް؟

އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން 2010 ވަނަ އަހަރު އޮކްޓޫބަރު މަހު ލިވަޕޫލް ގަތް ފަހުން، އެންމެ ބޮޑަށް އިންވެސްޓްކުރީ ލިވަޕޫލްގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށެވެ. އެ ގޮތުން، ސްޓޭޑިއަމް ބޮޑުކުރުމާއި އެންމެ ފަހުގެ، ޓްރެއިނިން ފެސިލިޓީއެއް ގާއިމް ކުރުމަށެވެ.

އޭގެ އިތުރުން، ޕާފޯމަންސް ބޭސްޑް ޑާޓާ ސިސްޓަމެއްގެ ތެރެއިން ކްލަބަށް ގަންނަން ބޭނުންވާ ކުޅުންތެރިން ދެނެގަނެ، ސްޕޯޓިން ޑިރެކްޓަރެއްގެ އަތަށް ކޮންޓްރޯލް ދީގެން ކްލަބުން އާ ކުޅުންތެރިންނަށް އިންވެސްޓް ކުރަން ފެށި އެވެ.

އެފްއެސްޖީން ލިވަޕޫލްގައި މަސައްކަތް ފެށީ މާކެޓް ރިސާޗްކޮށް، ކުޅުންތެރިން ގަންނަން ހަރަދުކުރާއިރު، ކްލަބްގެ ނެޓް ސްޕެންޑް (ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީ އާއި ކުޅުންތެރިން ގަންނަން ކުރާ ހޭދައިގެ ފަރަގު ކޮންޓްރޯލް މިންވަރެއްގައި) ބަހައްޓައިގެންނެވެ. މިއީ ސްޕޯޓިން ޑިރެކްޓަރު، މައިކަލް އެޑްވާޑް ލިވަޕޫލަށް އާ ކުޅުންތެރިން ގެންނަން މަސައްކަތް ކުރިއިރު، ތަފާތު ދެއްކި ގޮތެވެ.

އެޑްވާޑް ބޮޑަށް ކަންކަން ނިންމީ ޑާޓާ އަށް ބަލައިގެންނެވެ. ކްލަބަށް ބޭނުންވާ ކުޅުންތެރިން ދެނެގަންނަނީ ސްޓެޓިސްޓިކްސް އާއި ޕާފޯމަންސް އެނަލައިސިސް ހަދައި، ކްލަބްގެ ސްކައުޓުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ. މިދިޔަ ސީޒަނަށް ފަހު އެޑްވާޑް ލިވަޕޫލުން ދިޔައިރު، މިހާރު ސްޕޯޓިން ޑިރެކްޓަރަކަށް ހުރި، ޖޫލިއަން ވާޑަށް ބޭނުންވާ ގޮތަށް މަސައްކަތް ކުރެވެނީ ހަރުދަނާ ސިސްޓަމެއް ބިނާކުރެވިފައި އޮތުމުންނެވެ.

މީގެ އިތުރުން ލިވަޕޫލުން ވަނީ ކްލަބުން ކުޅުންތެރިންނަށް މުސާރަ ދޭނެ އޮނިގަނޑެއް ބަޔާންކޮށް، "ވޭޖް ސްޓްރަކްޗާ" މިންގަނޑެއް ކަނޑައަޅައިފަ އެވެ.

ބޯލީ ބޭނުންވާ ތަފާތު ގެންނަން ވަގުތު ބޭނުންވޭ

އުމުރުން 46 އަހަރުގެ ބޯލީ އަކީ ބޭސްބޯލްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އޭނާ އެންމެ ފުރަތަމަ ސަޕޯޓްކުރީ މޭޖަލީގު ބޭސްބޯލްގެ ބަލްޓިމޯ އޮރިއޯލެސް އަށެެވެ.

ނޯތު އެމެރިކާގެ ބޭސްބޯލް ޓީމެއް ކަމަށްވާ، ލޮސް އެންޖެލްސް ޑޮޖާސް، ދެ ބިލިއަން ޑޮލަރުގެ އަގެއް ދީފައި ގަންނަން 2012 ވަނަ އަހަރު ނިންމި ގްރޫޕްގައި ބޯލީ ހިމެނެ އެވެ. މިއީ އޭރަށް ބަލާނަމަ ނޯތު އެެމެރިކާގައި ޓީމެއް ގަންނަން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓް އެވެ.

ބޯލީގެ ގްރޫޕުން 10 އަހަރު ތެރޭ، ލޮސް އެންޖެލްސް ޑޮޖާސް ހިންގުމަށް ގިނަ ބަދަލުތަކެއް ގެނައިއިރު، މާލީ ގޮތުން ފުދުންތެރި ކްލަބަކަށް އެ ޓީމު ހެދި އެވެ. ލޮސް އެންޖެލްސް ޑޮޖާސް ވަނީ ވޯލްޑް ސީރީސްގައި ހަތަރު އަހަރު ތެރޭގައި ތިން ފަހަރު ވާދަކޮށްފަ އެވެ. އެ ގޮތުން 2017 އާއި 2018 ގައި ހުސްއަތާ އެނބުރި އަންނަން ޖެހުނު ކަމުގައި ވިޔަސް 2020 ވަނަ އަހަރު ތަށި އުފުލާލި އެވެ.

ލޮސް އެންޖެލްސް ޑޮޖާސްގައި ބޯލީ ވަނީ ވިޔަފާރި މޮޑަލުން ޓީމުން ހިންގުމުގައި ތަފާތު ދައްކައިފަ އެވެ. މޭޖަ ލީގު ބޭސްބޯލްގައި ކުރު މުއްދަތެއްގައި އާމްދަނީ ހޯދޭނެ ގިނަ މަގުތަކެއް ފަހިކޮށް، ކްލަބް އިންވެސްޓްމަންޓްގައި ނަމޫނާ ދެއްކި އެއް ވެރިޔަކީ ބޯލީ އެވެ.

ބޯލީ، ބްލޫމްބާގަށް ދިން އިންޓަވިއުގައި ބުނީ ޗެލްސީގައި ވެސް އޭނާ ބޭނުންވަނީ ތަފާތު މަސައްކަތެއް ކުރަން ކަމަށެވެ. އެ ކްލަބުން ކުރިން ކުރި ގޮތަށް ޓްރާންސްފާ މާކެޓްގައި މާ ބޮޑަށް ހަރަކާތްތެރިކޮށް ނުފެނުނު ކަމުގައި ވިޔަސް، ކްލަބަށް ބޭނުންވާ ކަންކަން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބޯލީ ވަނީ ބުނެފަ އެވެ.

ޗެލްސީ މިހާރު އިނގިރޭސި ފުޓްބޯޅައިގައި ވާދަކުރަން ޖެހިފައިވާ ގިނަ ކްލަބްތައް އޮތީ އިންފްރާސްޓްރަކްޗާ އާއި ކްލަބަށް އާމްދަނީ ވެންދޭނެ ގިނަ ގޮތްގޮތެއް ހޯދައިފަ އެވެ. ލަންޑަންގައި އެންމެ ފަހުން އެ ގޮތަށް ކަންކުރީ ޒަމާނީ އެތައް ކަމެއް ފުރިހަމަވެފައި އޮތް ސްޓޭޑިއަމެއް އަޅައިގެން ޓޮޓެންހަމް ހޮޓްސްޕާސް އިންނެވެ.

އިންފްރާސްޓްރަކްޗާ އާއި އިންވެސްޓްމަންޓްގެ އެކި ކަހަލަ ވިސްނުމެއްގައި ޗެލްސީ ވެސް ދުރު މުސްތަގުބަލަކަށް ތައްޔާރުވެ އޮތް ކްލަބެއްގެ ގޮތުގައި ކުރިއަށްދާން، ކްލަބްގެ އެކި އެކި ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް ބޯލީ ގަބޫލުކުރެ އެވެ.

ބޯލީގެ ވިސްނުމަކީ މުޅި ކްލަބް އެއް ހަރުފަތް މައްޗަށް ގެންދެވޭ ވަރުގެ އިންވެސްޓްމަންޓްތަކެއް ކުރުމެވެ.

އަބްރަމޮވިޗް ޗެލްސީ ދޫކޮށްލިއިރު، ދެން އަންނަ ވެރިޔެއްގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވި ކަމަކީ ވިޔަފާރި މޮޑެލަށް ކްލަބް ބަދަލުކޮށް، އެ ގޮތުން ވެސް އެހެން ކްލަބްތަކަށް ވުރެ ކުރީގައި ޗެލްސީ އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox