ޓިއުރިން (ޖުލައި 12) - ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު ގިނަ ތަށި ތަކެއް ހޯދަން ކެތްމަދުވެފައި ހުރި ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޕޮގްބާ، 29، އިއްޔެ ވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޔުވެންޓަސް އަށް ރަސްމީކޮށް ބަދަލުވެފަ އެވެ. މިއީ ޕޮގްބާގެ ކެރިއަރުގައި ޔުވެންޓަސް އަށް ކުޅޭ ދެ ވަނަ ފަހަރެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޕޮގްބާ، 29، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. މި ފަހަރު ވެސް ޕޮގްބާ ޔުވެންޓަސްއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
ޔުވެންޓަސްގެ މީޑިއާ ޗެނަލަށް ދިން އިންޓަވިއުގައި ޕޮގްބާ ބުނީ އަލުން ޔުވެންޓަސްއާ ގުޅެން ފުރުސަތު ލިބި އެކަން ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
"މި ކްލަބާ އެކު އަލުން ފަށައި، މި ކްލަބްގައި ހުރެ ތަށިތަކެއް ހޯދަން އަހަރެން މި ހުރީ ކެތްމަދުވެފައި. އަހަރެމެން ސްޓޭޑިއަމްގައި އެ ކުރާ ހުރިހާ ކަމެއް ކުރާނީ ސަޕޯޓަރުންގެ ބައިވެރިވުމާ އެކުގައި،" ޕޮގްބާ ބުންޏެވެ.
ޕޮގްބާ، ކްލަބް ކެރިއަރުގައި އެންމެ ގިނަ ކާމިޔާބު ހޯދީ ޔުވެންޓަސް ޖޯޒީގަ އެވެ. ޔުވެންޓަސްގައި ހުރެ ހަތަރު ފަހަރު އިޓާލިއަން ލީގާއި ދެ ފަހަރު އިޓާލިއަން ކަޕާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. ޔުނައިޓެޑްގައި ޕޮގްބާ ވަނީ އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
ފްރާންސް ގައުމީ ޓީމަށް 91 މެޗު ކުޅެދީފައިވާ ޕޮގްބާ، ވަނީ އެ ޓީމާ އެކު 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ޔުވެންޓަސް އަށް ޕޮގްބާ ސޮއިކުރީ، ކުރިން ޔުނައިޓެޑުން ލިބެމުން އައި މުސާރަ އަކަށް ވުރެ ކުޑަ އަގަކަށެވެ. އެއްބަސްވުމުގައިވާ ގޮތުން ޕޮގްބާ އަށް ހަފްތާ އަކު ބޯނަހާ އެއްކޮށް ޔުވެންޓަސް އިން މުސާރައިގެ ގޮތުގައި ދޭނީ 192،555 ޑޮލަރެވެ. މީގެ ކުރިން ޕޮގްބާ ޔުނައިޓެޑްގައި ހުރީ ހަފްތާ އަކު 348،555 ޑޮލަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ޕޮގްބާ މި ފަހަރު ވެސް ޔުވެންޓަސްގައި ބޭނުންކުރާނީ 10 ނަމްބަރު ޖޯޒީ އެވެ. އެންމެ ފަހުން 10 ނަމްބަރު ޖޯޒީ ބޭނުންކުރި ޕައޮލޯ ޑިބާލާ ވަނީ މިދިޔަ ސީޒަނުގެ ނިޔަަލަށް ޔުވެންޓަސްގެ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބުން ދޫކޮށްލައިފަ އެވެ.












