ލީޑްސް (ޖުލައި 11) - ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާގެ ސޮއި ހޯދުމުގެ ރޭހުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި އާސެނަލްގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ފްރާންސްގެ ރެނެސް އަށް ކުޅުނު ރަފީނިއާ، 25، ގަންނަން ޗެލްސީން ލީޑްސްއާ އެކު އަގަކަށް އެއްބަސްވި އެެވެ. އެހެން ނަމަވެސް ފަހު ވަގުތު ރަފީނިއާ ބޭނުންވީ އަވަސް އަރުވާލައިގެން ޓީމަކާ ގުޅުމުގެ ބަދަލުގައި އަދި ވަގުތު ނަގާފައި ދެން ގުޅޭނެ ޓީމަކާ ބެހޭގޮތުން ފައިނަލް ގޮތެއް ނިންމުމަށެވެ.
ލީޑްސް އިން އޮސްޓްރޭލިއާ އަށް ޕްރީ ސީޒަން ޓުއާގައި ފުރިއިރު، ރަފީނިއާ ޓީމާ އެކު ނުދެ އެވެ.
ލީޑްސްގެ ކޯޗު ޖެސީ މާޝް ބުނީ ރަފީނިއާގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ހިނގާ މި ދަނޑިވަޅުގައި އޭނާ ޓީމުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ މަސްލަހަތު އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ރަފީނިއާ ވެސް ބޭނުންވާ ކަމަށް މާޝް ވަނީ ބުނެފަ އެވެ.
އާސެނަލުން ގިނަ ހަފްތާތަކެއް ވަންދެން ރަފީނިއާއާ މަޝްވަރާ ކުރަނިކޮށް ޗެލްސީން އެ ޑީލް ހައިޖެކްކުރީ ލީޑްސް އިން ބޭނުންވާ އަގުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރަފީނިއާ ގަންނަން ޗެލްސީން ފުރަތަމަ 65 މިލިއަން ޑޮލަރު ދައްކަން އެއްބަސްވި އެވެ. އަދި ޗެލްސީގައި ރަފީނިއާ ދައްކާ ކުޅުމަށް ބަލާފައި އިތުރު 15-20 މިލިއަން ޑޮލަރު ދޭން ވެސް އެއްބަސްވުމުގައި ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަފީނިއާ މަޑުކުރަނީ ބާސެލޯނާއާ ގުޅުމަށެވެ. އެކަމަކު، ބާސެލޯނާގެ މާލީ ހާލަތު މި ވަގުތު އޮތްގޮތުން ބޮޑު އަގުދީފައި އެ ޓީމަށް ކުޅުންތެރިން ގަނެވޭނެ ގޮތެއް ނެތެވެ. ބާސެލޯނާގެ މާލީ ހާލަތު މި މަހު ފަހުކޮޅު ރަނގަޅުވާނެ ކަމަށް ސްޕެއިނުގެ ބައެއް ނޫސްތަކާއި ރޭޑިއޯތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ ސްޕޮޓިފައި އާއި ޓީވީ ރައިޓްސްގެ ޑީލުން ބާސެލޯނާ އަށް ލިބެން ޖެހޭ ފައިސާގެ ބޮޑު އިންސައްތައެއް އެހާތަނަށް ހަމަޖެހޭނެތީ އެވެ.
ރަފީނިއާގެ އޭޖެންޓަކީ ކުރިން ބާސެލޯނާ އާއި ޗެލްސީ އަށް ވެސް ކުޅުނު ޕޯޗުގީސް މިޑްފީލްޑަރު ޑެކޯ އެވެ. ޑެކޯ، އެންމެ ބޮޑަށް ރަފީނިއާގެ ޑީލް މަޝްވަރާކުރަނީ ބާސެލޯނާ އާއި ޗެލްސީއާ އެކު އެވެ. އެކަމަކު، އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު، އެޑޫ އަންނަނީ ޑެކޯއާ އެކު ރަފީނިއާގެ ޑީލް މަޝްވަރާކުރަން ގިނަ ބައްދަލުވުންތަކެއް ބާއްވަމުންނެެވެ. ލީޑްސް އިން ރަފީނިއާ ވިއްކާލަން ކިޔާ އަގު ދޭން އާސެނަލްގެ ޕްލޭނަކީ ބަހާލައިގެން ފީ އެއް ދެއްކުމެވެ. އެކަމަކު، އެ ގޮތަށް ލީޑްސް އިން އެއްބަހެއްނުވެ އެވެ.












