ލަންޑަން (ޖުލައި 10) - އާސެނަލާ ގުޅުނީ އެ ކްލަބްގެ ޕްރޮޖެކްޓް ރަނގަޅުވުމުން ކަމަށާާއި އެ ކްލަބާ އެކު ހުރިހާ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ބުނެފި އެވެ.
މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޖީސޫސް، 25، އާސެނަލަށް ވިއްކާލީ 55 މިލިއަން ޑޮލަރު (45 މިލިއަން ޕައުންޑް) އަށެވެ. ޖީސޫސް ވަނީ އާސެނަލާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
އާސެނަލް ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ނިއުރެންބާގް ކޮޅަށް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ މެޗުން އާސެނަލް މޮޅުވީ 5-3 އިންނެވެ.
ޖީސޫސް ބުނީ އާސެނަލަށް އޭނާ ގެންދަން ފުރަތަމަ މަޝްވަރާ ކުރަން އައިއިރު ވެސް އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު، ބްރެޒިލްގެ، އެޑޫ އައީ އެ ކްލަބްގައި އޮތް ޕްރޮޖެކްޓްގެ މައުލޫމާތު ހިފައިގެން ކަމަށެވެ. އާސެނަލްގެ ކޯޗަކަށް ހުރީ ކުރިން ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ ކަމަށްވާތީ ޖީސޫސް އަށް އާސެނަލާ ގުޅެން ފަސޭހަވެގެންދިޔަ އެވެ.
"އަހަރެން އަބަދުވެސް ފުޓްބޯޅައިގެ ރަނގަޅު ޕްރޮޖެކްޓްތަކާ މެދު ޝައުގުވެރިވޭ، އާސެނަލްގައި މި އޮތީ އަހަރެން ވަރަށް ގަޔާވާ ޕްރޮޖެކްޓެއް،" ސިޓީގައި ހޭދަކުރި ފަސް އަހަރު އެ ޓީމަށް 95 ގޯލު ޖަހައި، އެ ޓީމާ އެކު އަށް މުބާރާތް ކާމިޔާބުކުރި ޖީސޫސް ބުންޏެވެ.
"ފުރަތަމަ ކަމަކަށް އަހަރެން ޖެހޭނީ މި ތާރިހީ ކްލަބްގެ މާހައުލަށް ހޭނެން، ސީޒަން ނިމޭއިރު އަހަރެން ބޭނުން ތަށްޓެއް ހޯދަން. އާސެނަލަކީ ބޮޑު ކްލަބެއް، ބޮޑު ކްލަބެއްގެ ވިސްނުން ހުންނަން ޖެހޭނީ ކާމިޔާބު ހޯދަން. އާސެނަލާ އެކު ހުރިހާ ކާމިޔާބެއް ހޯދަން ބޭނުން،"
އާސެނަލް އެންމެ ފަހުން ތަށްޓެއްގައި އަތްލީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގަ އެެވެ. ފާއިތުވި ސީޒަނުގެ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ކުޅެން ކުރި އުންމީދުތައް ފަނޑުވެގެން ދިޔައީ ސީޒަނުގެ ފަހު ހަފްތާތަކުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ދަށްވުމުންނެވެ.
ޖީސޫސް އާސެނަލަށް ސޮއިކުރުމުގެ ކުރިން އޭނާ ގެންދަން ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީން ވެސް މަސައްކަތްކުރި ކަމަށް ބްރެޒިލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، އެޑޫ އާއި އާޓެޓާގެ އެދުމާ އެއްގޮތަށް ޖީސޫސް ނިންމީ އާސެނަލާ ގުޅުމަށެވެ. އާސެނަލްގައި ޖީސޫސް ބޭނުންކުރާނީ އެންމެ ފަހުން އަލެކްސަންޑަ ލަކަޒޭޓް ބޭނުންކުރި ނުވަ ނަމްބަރު ޖޯޒީ އެވެ.
އާސެނަލްގެ ލެޖެންޑުންނާ ބެހޭގޮތުން ވާހަކަދައްކަމުން ޖީސޫސް ބުނީ ކޮންމެ މީހަކަށް ވެސް އާސެނަލްގެ ނަން އިވުމުން ހަނދާނަށް ފުރަތަމަ ވެސް އަންނާނެ އެއް ކުޅުންތެރިއަކީ ކުރީގެ އެއް ވަނަ ފޯވާޑް ތިއަރީ އޮންރީ ކަމަށެވެ. އާސެނަލަށް އައީ ދެ ވަނަ އޮންރީ އަށް ވާން ނޫން ކަމަށާއި އެހެން ނަމަވެސް އާސެނަލްގެ ތާރީހުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ވާން ބޭނުންކަމަށް ޖީސޫސް ވަނީ ބުނެފަ އެވެ.












