ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ތަމްސީލުކުރާ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަކީލުން ބުނީ އޭނާ މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިގޮތުން، މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެއްކަކީ، އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި އޭނާ ސިނގިރެޓެއް ބޯން ހުއްޓާ ނަގާފައިވާ ފޮޓޯއަކާއި، މަގުމަތިން ދިޔަ ބަޔަކު އޭނާއާ ސަލާމްކޮށް ވާހަކަ ދައްކަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.
އޭނާ ޓެރަރިޒަމްގެ އަމަލެއް ހިންގަން ކުރި ކަމެއް، އަދި ސުލްހަވެރި އެއްވުމެއްގައި ހަމަނުޖެހުން ހިންގަން އޭނާ ކުރި އެއްވެސް ކަމެއް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ. އަދި އެ އެއްވުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔުމުގައި، މުހައްމަދު އިސްމާއީލްގެ ސީދާ ދައުރެއް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން އިތުރަށް ތުހުމަތު ކުރެއްވީ، މި މައްސަލައާ ގުޅުވައި މުހައްމަދު އިސްމާއީލް ހައްޔަރުކޮށްގެން އުޅެނީ އޭނާއަކީ ޕީޕީއެމްގެ މަގުމަތީގެ ހަރަކާތްތަކުގައި އަދި "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅޭ މީހަކަށް ވާތީ ކަމަށެވެ.

މުހައްމަދު އިސްމާއީލް ހައްޔަރު ކުރުމުން ކޯޓުން އެންމެ ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން ނުވަ ދުވަހުގެ މުއްދަތަކަށް ބަންދު އިތުރު ކުރުމަށްފަހު، ތިން ވަނަ ފަހަރަށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ޔޯގާ ހަމަނުޖެހުން މައްސަލައިގައި މުހައްމަދު އިސްމާއީލް ހައްޔަރުކުރިއިރު ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ހިފައިގެން ތިބި ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެވެ. އެ އޮފީހުން އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިދަތައް ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވެ އެވެ.
އެ ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ގެންދިޔަ ދިދަތަކެއް ކަން އެ ޕާޓީގެ ބައެއް އިސް އޮފިޝަލުން މި ނޫހަށް ކަށަވަރު ވެސް ކޮށްދިނެވެ. އެކަމަކު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއާ އެ ސުވާލު ކުރުމުން ވިދާޅުވީ ދިދަތައް ގެންދިޔައީ އެ އޮފީހުން ކަން ޔަގީން ނުވާ ކަމަށެވެ. އެހެންވިޔަސް ހަރަކާތްތައް އާންމުން އެދުމުން މީގެ ކުރިން ވެސް އެ ޕާޓީން ވަސީލަތްތައް ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވަކީލުންގެ ޓީމުން ވަނީ މި މައްސަލާގައި ހައްޔަރު ކުރި ޝެއިހް ފަޒްލޫން ހައްޔަރުކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވީ ޝެއިހް ނިޝާން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާއާއެކު ހުރި އޭނާގެ 10 އަހަރުގެ ދަރިފުޅު ގެޔަށް ލާން ދިއުމުގެ ފުރުސަތު ނުދިނުމާއި، ގެއަށް ފޯނު ކުރުމުގެ ފުރުސަތު ނުދިންކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ފުލުހުން ވަނީ އެ ކުއްޖާގެ ހައްގުތަކަށް އަރައިގެންފައި ކަމަށެވެ.
ނިޝަންގެ ދަރިފުޅުގެ ހައްގަށް އަރައިގެންފައިވާކަން އެތައް ފަހަރަކު ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ އެއްވެސް އެސެސްމަންޓެއް ހަދާފައި ނުވާކަން ފާހަގަކޮށް ވަކީލުން ވިދާޅުވީ އެ ކުއްޖާއަށް ނަފްސާނީ ގޮތުން ކުރި އަސަރުތަކުގެ ސަބަބުން ކެއުމާއި ދުރުވެ، ސްކޫލަށް ދިއުން ހުއްޓިފައިވާއިރު، އެ ހަދިސާގެ ވާހަކަ އާއިލާ މީހުންނަސް ކިޔައިދޭނެ ހިތްވަރެއްވެސް ކުއްޖާގެ ނެތް ކަމަށެވެ.
މައްސަލައިގެ ފަސްފަހަތް
ޖޫން 21 ވީ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
މި މައްސަލާގައި މިހާތަނަށް ޖުމުލަ 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.












