މިއުނިކް (ޖުލައި 8) - ބަޔާން މިއުނިކުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ގަންނަން 91 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީ އާއި ލިވަޕޫލުން ވެސް ޑި ލިޓް، 22، ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ބަޔާނުން މިހާރު ވަނީ ޑި ލިޓްގެ ސޮއި ހޯދުމުގެ ރޭހުގައި ފިޔަަވަޅެއް ކުރިއަށް ޖެހިލައިފަ އެވެ.
އެ ގޮތުން ބަޔާނުން މިހާރު ނިންމާފައިވަނީ ޖުމްލަ އެކު 91 މިލިއަން ޑޮލަރުގެ ބިޑެއް ޑި ލިޓް ހޯދަން ކުރުމަށެވެ. މި އެއްބަސްވުމުގެ ތެރެއިން، ބަޔާނުން ފުރަތަމަ ދޭނީ، 76 މިލިއަން ޑޮލަރެވެ. ބާކީ 15 މިލިއަން ދައްކާނީ ދެ ސީޒަނަކަށް ބަހާލައިގެންނެވެ.
ޔުވެންޓަސްގެ ޗީފް މައުރީޒިއޯ އަރިބަވީނޭ ދާދި ފަހުން ވިދާޅުވީ އެ ކްލަބްގައި އެއްވެސް ކުޅުންތެރިއަކު ގަދަކަމުން މަޑުނުކުރުވާނެ ކަމަށެވެ. އެއީ ހިތްހަމަނުޖެހިފައި ހުރި ކުޅުންތެރިއަކަށް ނުފޫޒު ފޯރުވައިގެން އެ ގޮތަށް ގަދަބާރު ދައްކައިގެން ކުޅުންތެރިން ހުއްޓުވުމަކީ ދުރު މުސްތަގުބަލަށް ބަލާއިރު، ކްލަބަށް ހެދޭނެ ގޯހެއް ކަމަށް އަރިބަވީނޭ ވިދާޅުވި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފުރަތަމަ ޔުވެންޓަސް އިން ވިސްނީ ޑި ލިޓް ވިއްކާލައިގެން 124 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއީ ޔުވެންޓަސް އިން 2019 ވަނަ އަހަރު، ނެދަލެންޑްސްގެ ޗެމްޕިއަން އަޔަކްސް އަށް 85 މިލިއަން ޑޮލަރު ދީފައި ގަތް، ޑި ލިޓް އަށް ކުރި މުޅި އިންވެސްޓްމަންޓް ފައިދާއެއްގެ ގޮތުގައި ބަދަލުކޮށްލުމުގެ ބޭނުމުގަ އެވެ.
ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް މުހިންމު ރޯލެއް ކުޅެމުން އަންނަ ޑި ލިޓް ވަނީ ޔުވެންޓަަސް އަށް ކުޅެދިން 117 މެޗުން އަށް ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.












