ލަންޑަން (ޖުލައި 7) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިން އެ ކްލަބް ދޫކޮށް، ޗެލްސީ އަށް ބަދަލުވުމަށް އެއްބަސްވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ސްޓާލިން ،27، ޗެލްސީ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވި ނަމަވެސް، އޭނާގެ ޓްރާންސްފާ ފީއަކާ ގުޅޭ ގޮތުން ސިޓީ އާއި ޗެލްސީއާ ދެމެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.
އެހެން ނަަމަވެސް، ސްޓާލިންގެ ޓްރާންސްފާއާ ގުޅޭ ހުރިހާ މަޝްވަރާތައް ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް "ބީބީސީ" އަށް ވަނީ އެނގިފަ އެވެ. "ސްކައި ސްޕޯޓްސް" އިން ރިޕޯޓްކުރާގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ސްޓާލިންގެ ޑީލް ޗެލްސީން ނިންމާނެ އެވެ.
ލިވަޕޫލުން 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑް (60 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ސިޓީ އަށް ބަދަލުވި ސްޓާލިންގެ ޓްރާންސްފާގެ ހުރިހާ މަރުހަލާއެއް، ކުރިއަށް އޮތް ހަފުތާގައި ޗެލްސީ ޕްރީ ސީޒަން ޓުއާ އަށް ފުރުމުގެ ކުރިން ނިމޭނެ ކަމަށް ބެލެވެ އެވެ.
ސިޓީއާ އެކު ސްޓާލިން ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އޮތްއިރު، އޭނާ އަށް ގިނަ ކްލަބުތަކަކުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.
އެކަމަކު، ސްޓާލިން އަށް ޝައުގުވެރިކަން ފާޅުކޮށް، އޭނާ ގެންދަން ޗެލްސީން ކުރި މަސައްކަތުން، އޭނާ މިހާރު ބޭނުންވަނީ ޗެލްސީ އަށް ބަދަލުވާށެވެ.
ސިޓީ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއާ މެދު ސްޓާލިންގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އެހެން ނަމަވެސް، އޭނާގެ ކެރިއަރު މިހާރު އާ "ޗެލެންޖެއް" ބޭނުންވާތީ ސިޓީ ދޫކޮށްލަން ނިންމީ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ސިޓީ އަށް 300 އަށް ވުރެ ގިނަ މެޗު ކުޅެ، 131 ލަނޑު ޖަހާފައިވާ ސްޓާލިން ވަނީ އެ ކްލަބާ އެކު ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޗެލްސީގެ އާ ވެރިޔާ، ޓޮޑް ބޯލީގެ ލީޑަޝިޕް ހަވާލުވި ފަހުން އެ ކްލަބުން އަދި ރަސްމީކޮށް އެއްވެސް ޓްރާންސްފާއެއް ނިންމާފައިނުވެ އެވެ.












