ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް، އަންނަ ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ކްލަބް މޯލްޑިވްސް އިން ބުނެފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ.
ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، މިދިޔަ އަހަރު އަލުން މުބާރާތް ބޭއްވި އެވެ. އެއީ މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހުގަ އެވެ.
ކްލަބް މޯލްޑިވްސް އިން މިއަދު ބުނީ ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އިތުރުން ކްލަބް މޯލްޑިވްސް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވަމުން އަންނަ 18/30 ފުޓްސަލް ފިއެސްޓާ ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެއީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، 4-0 އިން ބަލިކުރުމަށް ފަހު އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ 7-4 ކްލަބް ވެމްކޯ ބަލިކޮށް، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ތިން ފަހަރު ހޯދައިފަ އެވެ.
ކްލަބް މޯލްޑިވްސް އިން 18/30 ފުޓްސަލް ފިއެސްޓާ، 2010 ވަނަ އަހަރު ބާއްވަން ފެށިއިރު މިހާތަނަށް، އިމިގްރޭޝަނާއި އެމްއެންޑީއެފް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، ޖެހިޖެހިގެން ތިން ފަހަރު މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ލިބުނީ ހަމައެކަނި އެމްޕީއެލް އަށެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ތައްޔާރީތައް ގިނަ ޓީމުތަކުން ވަނީ ފަށައިފަ އެވެ. ބައެއް ޓީމުތަކުން ކޯޗުންގެ ހަމަޖެއްސުމުގެ ކަންކަން ކުރަމުން އަންނައިރު، އަނެއް ބައި ޓީމުތަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. އަދި ބޭރުން ޖެހޭ ކުޅުންތެރިންގެ ޑިމާންޑް ވެސް ފެންނަނީ ކުރިން އަހަރަށް ވުރެ ބޮޑު ކޮށެވެ.












