ޖިއްދާ، ސައުދީ އަރަބިއްޔާ (ޖުލައި 6) - ސައުދީ އަރަބިއްޔާ އަލް-އިއްތިހާދުގެ ކޯޗަކަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަމަޖައްސައިފި އެވެ.
މިދިޔަ ސީޒަންގައި ސައުދީ ޕްރޯ ލީގުގެ ރަނަރަޕްގެ ގޮތުގައި ނިންމާލި އަލް-އިއްތިހާދުން ނޫނޯ އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ރޫމޭނީއާގެ ކޮސްމިން ކޮންޓްރާ މަގާމުން ވަކިކޮށްފަ އެވެ.
ކޮންޓްރާ މަގާމުން ވަކިކުރީ މިދިޔަ ސީޒަންގައި ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ފާއިތުވި ސީޒަންގެ ބޮޑުބައިގައި އަލް-އިއްތިހާދު ތާވަލްގެ އެއް ވަނައިގައި އޮތް ނަމަވެސް، ފަހު ވަގުތު އެ ޓީމު ފަހަތަށް ޖަައްސާލައި ޗެމްޕިއަންކަން ހޯދީ އަލް-ހިލާލެވެ.
އަލް އިއްތިހާދުން ބުނީ، ކުރިން ގޯލްކީޕަރަކަށް ކުޅުނު، ނޫނޯ ،48، އެ ޓީމާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ޓޮޓެންހަމްގެ އިތުރުން، ނޫނޯ ވަނީ ވުލްވްސް އާއި ޕޯޗުގަލްގެ ޕޯޓޯ އާއި ސްޕެއިންގެ ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. ވުލްވްސް ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ އެ ކްލަބް ގިނަ އަހަރުތަކަކަށް ފަހު ޔޫރަޕްގެ މުބާރާތަކަށް ގެންގޮސްދިނީ ނޫނޯގެ ކޯޗުކަމުގަ އެވެ.
މިދިޔަ އަހަރު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ، ނޫނޯ އެ މަގާމުގައި ދެމިހުރީ ހަތަރު މަސް ދުވަހަށެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން، ނޫނޯ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ސީޒަން ފެށިއިރު، ނޫނޯގެ މަސައްކަތް ރަނގަޅަށް ފެނުނު ނަމަވެސް ވަކި ހިސާބަކުން ޓީމުގެ ފޯމު ގެއްލި ނަތީޖާ ދަށްވެ، ގިނަ ހަފްތާތަކެއް ގުނަން ޖެހުނީ އެވެ.












