ޓިއުރިން (ޖުލައި 6) - ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ޔުވެންޓަސް އިން ޕީއެސްޖީގެ އެންހެލް ޑި މާރިއާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ ޑީލްގެ ހުރިހާ ކަމެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑި މާރިއާ، 34، އާއި ޕޮގްބާ، 29، ޔުވެންޓަސް އަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޑި މާރިއާ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭނެ ކަމަށް ބެލެވޭއިރު، ޕޮގްބާ އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ޔުވެންޓަސް އިން ވަނީ މަޝްވަރާތައް ނިންމާލައި، އަނގަބަހުން އެއްބަސްވުމަަކަށް ވެސް އަތުވެފަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަފްތާގައި ޑި މާރިއާ އާއި ޕޮގްބާގެ ޑީލް ނިމުނު ކަމުގައި ވިޔަސް އެ ކުުޅުންތެރިން ޕްރީ ސީޒަނަށް ރިޕޯޓްކުރާނީ މި މަހު ފަހުކޮޅުގަ އެވެ. އިޓާލިއަން ލީގު ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު އެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޕޮގްބާ، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، ޕޮގްބާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ އިނގިރޭސި މީޑިއާގެ ފާޑުކިޔުން އަންނަނީ ކޮންމެ ސީޒަނަކު ޕޮގްބާ އަށް އަމާޒުވަމުންނެވެ. ޔުނައިޓެޑާ އެކު ޕޮގްބާ އަށް ހޯދުނީ 2017 ވަނަ އަހަރުގެ ލީގު ކަޕާއި ޔޫރޮޕާ ލީގެވެ.
މިދިޔަ މަހުގެ ނިޔަލަށް ޕޮގްބާ، ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު، މާ ކުރިން ވެސް އޮތީ ޕޮގްބާ އެ ޓީމުގައި މަޑުނުކުރާނެކަން ޔަގީންވެފަ އެވެ. ޕޮގްބާ ދާދި ފަހުން ނެޓްފްލިކްސްއާ ގުޅިގެން ރިލީސްކުރި "ޕޮގްމެންޓަރީ" ސީރީސްގެ ތެރެއިން ވަނީ ޔުނައިޓެޑުން އޭނާ އަށް ރަނގަޅު އޮފާއެއް ނުދީ ހެދީ ގޯހެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީގެ މެޗެއްގެ ތެރެއިން ޑި މާރިއާ: އޭނާ ދެން ފެންނާނީ ޔުވެންޓަސް ޖޯޒީގައި.
ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ޑި މާރިއާ ހުރީ އެ ކްލަބުން އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ނުދިނުމުން ހިތްހަމަނުޖެހިފަ އެވެ. މިދިޔަ އަހަރު ޕީއެސްޖީން ޑި މާރިއާ އަށް އާ ކޮންޓްރެކްޓެއް ދޭން މަޝްވަރާ ކުރި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނުދެވި، އެކަންކަން ދިގުލައި ގޮސް އެންމެ ފަހުން ޑި މާރިއާ އަށް ޖެހިފައިވަނީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމަށެވެ.
ޕީއެސްޖީ އަށް ކުޅުނު 294 މެޗުގައި، ޑިމާރިއާ ވަނީ 91 ލަނޑު ޖަހައިފަ އެވެ. އަދި ޑި މާރިއާ ވަނީ އެ މެޗުތަކުގައި 118 ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. ޕީއެސްޖީއާ އެކު ޑި މާރިއާ ވަނީ 14 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް ލީގު ތަށި ހިމެނެ އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ބެންފީކާ އަށް ވެސް ކުޅުނު ޑި މާރިއާ ޔުވެންޓަސް އަށް ކުޅެން ނިންމީ، މި އަހަރުގެ ފަހުކޮޅުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ދާއިރު، ބޮޑު ކްލަބެއްގައި ހުރެ ރަނގަޅު ލެވަލެއްގައި ކުޅެން ބޭނުންވާތީ އެވެ. ޑި މާރިއާ މި ފަަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރާނެ އެވެ.












