ޕެރިސް (ޖުލައި 6) - ޕީއެސްޖީ އަކީ ތަރިން ގިނަ ޓީމެއް ވިޔަސް އޭނާ ބޭނުންވާ ގޮތަށް މަސައްކަތް ކުރަން ހާސްކަމެއް ނެތް ކަމަށް، ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ފްރާންސްގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފި އެވެ.
އަށާރަ މަސް ދުވަހަށް ފަހު ޕީއެސްޖީގެ ކޯޗުކަމުން އިއްޔެ ރަސްމީކޮށް މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރިތާ މާގިނައިރެއް ނުވެ، ޕީއެސްޖީން ވަނީ ގަލްޓިއޭ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޕީއެސްޖީގެ ކޯޗަކަށް ގެނައިކަން އިއުލާނުކޮށްފަ އެވެ.
މިދިޔަ މަހު ފްރެންޗް ލީގުގެ ކްލަބް، ނީސްގެ ކޯޗުކަން ދޫކޮށްލި ގަލްޓިއޭ، ޕީއެސްޖީގެ ކޯޗެއްގެ ގޮތުގައި ތައާރަފްކުރި އެ ކްލަބްގެ ރައީސް ނާސިރު އަލް ހެއްލާފީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ގަލްޓިއޭ ބުނީ މިއީ އޭނާ އަށް ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއް ކަމަށާއި ޕީއެސްޖީ ކަަހަލަ ކްލަބެއްގެ ކޯޗަކަށް ވެވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި އޭނާގެ ކިބައިގައި ޕީއެސްޖީ އަށް ކޯޗުކޮށްދިނުމުގެ ފެންވަރު ނެތްނަމަ އެ ވަޒީފާއާ ހަވާލުނުވާނެ ކަމަށް ގަލްޓިއޭ ވަނީ ބުނެފަ އެވެ.
"ދެން، އަހަރެން ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެއް އެއީ، ދުނިޔޭގެ ފެންވަރުގެ ތަރިން ހިމެނޭ ޓީމެއްގައި މަސައްކަތް ކޮށްލުމަކީ، ބަޔަކަށް ހީވެދާނެ މިއީ ޕްރެޝަރެކޭ، ކްލަބްގެ ވިސްނުމާ ދެކޮޅަށް އެކަކަށް ވެސް ނުދެވޭނެ، މި ޕްރޮޖެކްޓާ ދެކޮޅު ކުޅުންތެރިއެއް ފެނިއްޖެނަމަ ގޮތް ނިންމާނީ އަހަންނާއި މެނޭޖްމަންޓުން، އެހެންވީމަ މި ވަޒީފާގެ ޒިންމާ މި ނެގީ ހާސްކަމެއް ނެތި،" ގަލްޓިއޭ ބުންޏެވެ.
ގަލްޓިއޭ އަށް ފުލް ކޮންޓްރޯލް އޮތްތޯ ގިނަ ނޫސްވެރިން ސުވާލުކުރި ސަބަބަކީ ދާދި ފަހުން ކީލިއަން އެމްބާޕޭ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރީ އޭނާ އަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ކަމަށް މީޑިއާތަކުން ތަކުރާރުކޮށް ރިޕޯޓްކުރަމުން އަންނާތީ އެވެ.
ޕީއެސްޖީން ގަލްޓިއޭ ގެނައީ ޒިނެދިން ޒިދާން ކޯޗަކަށް ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުުވުމުން ކަމަށް މީޑިއާތަކުން ތުހުމަތުކުރެ އެވެ. އެކަމަކު، ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ ޒިދާނާ ގުޅޭ އެ ވާހަކަތައް ދޮގުކޮށް، އެ ކްލަބުން ފުރަަތަމަ ވެސް ޓާގެޓްކުރީ ގަލްޓިއޭ އަށް ކަމަށް ވިދާޅުވެފަ އެވެ.
ގަތަރުގެ މަހުޖަނު، ހެއްލާފީ، 2011 ވަނަ އަހަރު ޕީއެސްޖީ ގަތް ފަހުން އެ ކްލަބަށް މި ވަނީ ހަތް ވަނަ ފުލް ޓައިމް ކޯޗެއް ހަމަޖައްސައިފަ އެވެ. އެހެން ކޯޗުންނެކޭ އެއްގޮތަށް ގަލްޓިއޭ އަށް ވެސް އޮތް އެންމެ ބޮޑު ޓާގެޓަކީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކޮށްދިނުމެވެ.
ޕީއެސްޖީގެ ފުޓްބޯލް އެޑްވައިޒަރަކަށް ދާދި ފަހުން ހަމަޖެއްސި ލުއިސް ކެމްޕޯސް އަކީ ގަލްޓިއޭއާ އެކު ކުރިން ލިލްގައި މަސައްކަތްކުރި ފަރާތެކެވެ. ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖެއްސުމުގައި، އެންމެ މުހިންމު ރޯލެއް އަދާކުރީ ކަމްޕޯސްކަމަށް ގަބޫލްކުރެވެ އެވެ.












