ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް މީހުންނަށް އިނާޔަތެއް ދޭން ގާއިމްކުރާ ފަންޑު ވަރުގަދަ ކުރުން ހިމެނޭ ގޮތުން، މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް 24 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވޯލްޑް ބޭންކުން އެއްބަސް ވެއްޖެ އެވެ.
ވޯލްޑް ބޭންކުން ފިނޭންސް މިނިސްޓްރީއާ އެކު އިއްޔެ ސޮއިކުރި ދެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 34 މިލިޔަން ޑޮލަރު ( 524.2 މިލިޔަން ރުފިޔާ) ދޭނެ އެވެ.
ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ސަރުކާރުން ހިންގާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)" މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރަން ، އެ އެއްބަސްވުމުގެ ދަށުން ވޯލްޑްބޭންކުން ސަރުކާރަށް އެހީތެރިކަން ދޭނެ ކަމަށެވެ. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަންޑެއް ގާއިމްކުރަން ވެސް އެ އެއްބަސްވުމުގެ ދަށުން އެހީދޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
އިއްޔެ ސޮއިކުރި ދެވަނަ އެއްބަސްވުމުގެ ދަށުން ވޯލްޑްބޭންކުން ދޭ 10 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސަރުކާރުން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' އަށެވެ. ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ އެ މަޝްރޫއުން ކުރާނެ މަސައްކަތްތަކެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރަން ކުރާ މަސައްކަތަށް ވެސް އެ 10 މިލިއަން ޑޮލަރުން ހަރަދުކުރާނެ އެވެ.
ދެ އެއްބަސްވުމުގައި ވެސް ވޯލްޑްބޭންކްގެ ފަރާތުން ސޮއިކުރެއްވީ ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވުސް އެވެ.
އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ދިނުމަކީ ބޮޑު އުފަލެއް ކަމަށެވެ. އެއީ މުސްތަގުބަލުގައި މަސައްކަތްތެރިންނަށް ކުރިމަތިވެދާނެ އިގްތިސޯދީ ހީނަރުކަމުން ސަލާމަތްކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތައް އަލުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް އެހީއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކު، ދިވެހިރާއްޖެ އާއި ދިވެހިން އޭގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ވެސް މަގުފަހިވެގެންދާނެ،" ޒާވުސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ތައުލީމާއި މާލީ ނިޒާމު މެނޭޖުކުރުން ފަދަ ގިނަ ދާއިރާތަކަކުން ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ޕާޓްނަޝިޕެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލަކަށް އަޅުގަނޑުމެން ބަލާލާއިރު، ހިލޭ އެހީގެ މި ދެ އެއްބަސްވުމުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް އަޅުގަނޑުމެންނަށް މާލީ ގޮތުން ޖާގަ ލިބި، އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީ ހަލުވިކުރުމަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ." އަމީރު ވިދާޅުވި އެވެ.












