ބާސެލޯނާ (ޖުލައި 5) - ހިލޭ ޓްރާންސްފާތަކެއްގައި، އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އާއި ޑެންމާކްގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ބާސެލޯނާއާ ގުޅިއްޖެ އެވެ.
ކެސިއޭ ،25، ބާސެލޯނާއާ ގުޅުނީ ފާއިތުވި ފަސް ސީޒަން އިޓަލީގެ އޭސީ މިލާންގައި ހޭދަކުުރުމަށް ފަހު އެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިލާނުން މިދިޔަ ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދިއިރު، ކެސިއޭ ވަނީ ލީގުގައި ކުޅުނު ގިނަ މެޗުތަކުގައި ކުޅެ، ޖުމްލަ އެކުގައި ހަތް ލަނޑު ޖަހައިފަ އެވެ.
އިޓާލިއަން ލީގުގައި ފާއިތުވި އަހަރުތަކުގެ އެންމެ ފާހަގަކޮށްލެވޭ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކެސިއޭ، 2015 ވަނަ އަހަރު މިލާންއާ ގުޅުނީ އެޓަލާންޓާ އަށް ކުޅުމަށް ފަހު އެވެ. އެޓަލަންޓާގައި ކެސިއޭ ހުރިއިރު، އިނގިރޭސި ކްލަބްތަކުން ވެސް އޭނާ އަށް ހުށަހެޅުން ލިބިފައިވެ އެވެ.

ކްރިސްޓެންސަން، ބާސެލޯނާއާ ގުޅުނީ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. ޑެންމާކް ގައުމީ ޓީމުގައި ގަވާއިދުން ކުޅެމުން އަންނަ، ކްރިސްޓެންސަން ،26، ވަނީ ޗެލްސީގައި 10 އަހަރު ހޭދަކޮށްފަ އެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ކްރިސްޓެންސަން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން، ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް ވެސް ކުޅެފަ އެވެ.
ކެސިއޭ އާއި ކްރިސްޓެންސަން ވެސް ބާސެލޯނާއާ ގުޅުނީ ހަތަރު އަހަރު ދުވަހު އެއްބަސްވުމެއްގެ ދަށުންނެވެ.
ބާސެލޯނާ އިން އަންނަނީ ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގަންނަން މަސައްކަތް ކުރަމުންނެވެ. ޕޮލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލެވަންޑޯސްކީ، 33، ގަންނަން ބާސެލޯނާ އިން 50 މިލިއަން ޑޮލަރުގެ ބިޑެއް ވަރަށް އަވަހަށް ހުށަހަޅާނެ އެވެ. ޗެލްސީގެ ސެޒާ އަޒްޕިލިކުއޭޓާ އަކީ ވެސް ބާސެލޯނާ އިން ޝައުގުވެިރިވާ ކުޅުންތެރިއެކެވެ.












