މެންޗެސްޓާ (ޖުލައި 4) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ވިންގް، ރަހީމް ސްޓާލިން، ޗެލްސީ އަށް ވިއްކާލަން މެންޗެސްޓާ ސިޓީން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޓާލިން، 27، މި ވަގުތުު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސްޓާލިން އަށް ސިޓީގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބޭތީ ކްލަބް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
ސިޓީއާ މަޝްވަރާ ކުރުމަށް ފަހު ސްޓާލިންގެ އޭޖެންޓް، އެއިޑީ ވާޑް ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށި ފަހުން ޓޮޓެންހަމާއި ލިވަޕޫލަށް ވެސް ސްޓާލިން ގަންނަން ހުށަހަޅައިފަ އެވެ. އެކަމަކު، އެ ދެ ކްލަބުން ނިންމީ އެ ޑީލަށް މަޝްވަރާ ނުކުރުމަށެވެ. އޭގެ ފަހުން ޗެލްސީން ސްޓާލިން ހޯދުމުގެ ރޭހަށް ވަދެ، މިހާރު ވަނީ ކުރިއެރުން ހޯދައިފަ އެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީ އޮތީ، ޗެލްސީން 55 މިިލިއަން ޑޮލަރުގެ ބިޑެއްކޮށްފިނަމަ ސްޓާލިން ވިއްކާލަން ތައްޔާރަށެވެ. ޗެލްސީގެ ބޯޑުން ވަނީ ސްޓާލިން އަށް އެ އަގު ދިނުމުގައި ހުރަހެއް ނެތް ކަމަށް ނިންމައިފަ އެެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސްޓާލިން ޗެލްސީ އަށް ބަދަލުވުމުގެ ކަންކަން ނިމޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ ސީޒަނަށް ސިޓީން އާލިން ބްރައުޓް ހާލަންޑާއި ހޫލިއަން އަލްވަރޭޒް އަދި ކަލްވިން ފިލިޕްސްގެ ޓްރާންސްފާ ނިންމާފައިވާއިރު، އެ ޓީމު ދޫކޮށްލި ފުރަތަމަ ޓީމުގެ މުހިންމު ކުޅުންތެރިއަކީ އާސެނަލަށް މިއަދު ރަސްމީކޮށް ބަދަލުވި ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. އަދި މިހާރު އޮތްގޮތުން ސްޓާލިން ވިއްކާލުމުގެ ޑީލް ވެސް ހިނގާނެ އެވެ.
ކިއުޕީއާރްގެ ޔޫތު ޓީމުން ފާހަގަވި، ސްޓާލިން ފަހުން ލިވަޕޫލަށް ބަދަލުވެ، ކެނީ ޑަލްގީޝް އާއި ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ލިވަޕޫލް ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވި އެވެ. އެކަމަކު، ފަހުން ލިވަޕޫލް ދޫކޮށް، 2015 ވަނަ އަހަރު ސިޓީ އަށް ސްޓާލިން ބަދަލުވީ 60 މިލިއަން ޑޮލަރަށެވެ.
މެނުއަލް ޕެލެގްރީނީގެ ކޯޗުކަމުގައި ސިޓީ އަށް ބަދަލުވި ސްޓާލިން ވަނީ ސިޓީގައި ހޭދަކުރި ހަތް ވަރަކަށް އަހަރު ތެރޭ ނުވަ ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރާއި ލީގު ކަޕް ހަތަރު ފަހަރު ހޯދުމުގެ އިތުރުން، އެފްއޭ ކަޕް އެވެ.












