މުއިއްޒުގެ ތުހުމަތުތަކެއް: 89 މިލިއަނަށް ހަވާލުކުރީ 39 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރަން އުޅުނު އަގަށް ވުރެ 45 މިލިއަން ރުފިޔާ ބޮޑު ކޮށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޕްލޭނިން މިނިސްޓްރީން އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.

"އަޅުގަނޑުމެންނާ އާރްޑީސީއާ އެއްބަސްވީ 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން، އަޅުގަނޑުމެންނެއް ނޫން އަގު ހުށަހެޅީ، އާރްޑީސީން އަޅުގަނޑުމެންނަށް ފޮނުވި ބީއޯކިއު، އެއީ އަދި އެ ބޭފުޅުންގެ ޕްރޮފިޓް އެއަށް ލާފައި؛ ލޭބާ ކޯސްޓު، މެޓީރިއަލް ކޯސްޓުގެ އިތުރުން ޕްރޮފިޓް އެއަށް ލާފައި 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ނިންމަން،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ "އެ އަގަށް ވުރެ ދެ ގުނަ ބޮޑު ކޮށް" އަދި "ގާނޫނުގެ ހުރިހާ ހަމައެއް މުގުރާލައިގެން" އެ މަގު ހަދަން ހަވާލުކުރުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ހަރަދު ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން އިދާރާތަކަށް އަންގާފައިވަނިކޮށް ރައްޔިތުންގެ "ފައިސާ އިސްރާފުކުރުން" ގޮތުގައި ސިފަ ކުރެއްވި އެވެ.

"ކަނޑައެޅިގެން މިއީ ކޮރަޕްޝަންގެ އަމަލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ، އަޅުގަނޑުމެން އެ ކަން ކުށްވެރިކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް "ނުވި ކަމަށް ބުނެ" މާލޭ މަގު ހެދުމުގެ މަސައްކަތް މިހާރު ވަނީ ސިޓީ ކައުންސިލްގެ އަތުން ނަގާފަ އެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން، މާލޭ ސިޓީ ކައުންސިލުުން ޕީއަސްޕީ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނިކޮށް، މަސައްކަތް ހުއްޓުނީ ފައިސާގެ މައްސަލަ ދިމާވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއެއް ނަމަ ފައިސާ ދޫކުރަނީ ޕްލޭނިން މިނިސްޓްރީން ކަން ފާހަގަކުރެއްވި އެވެ.

"ރޯޝަނީ މަގުގެ ވަކި ހިސާބަކުން ފައިސާ ދޫކުރުން ހުއްޓާލައިފި، މަސައްކަތް ނިމުނީ، ފައިސާ ނުލިބުނު، އާރްޑީސީއަށް ވެސް ބޮޑު ގެއްލުމެއް ލިބުނީ، ކުންފުންޏެއްގެ ހައިސިއްތުން އެ ބޭފުޅުން ވެސް މަސައްކަތް ކުރިއަކަށް ނުގެންދާނެ، މަސައްކަތް ހުއްޓުނީ އެ ހިސާބުން،" މުއިއްޒު ވިދާޅުވި އެވެ.

މަސައްކަތް އަލުން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާ މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން އެކަމަށް އަލިމަގެއް ދައްކައި ނުދީ، ކައުންސިލުން އެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް އަންގައި މަޝްރޫއު އަތުލީ ކަމަށެވެ. އަދި، މިއީ ޕީއައިސްޕީ މަޝްރޫއެއް ކަމަށް ވުމުން، މަޖިލީހުން ފާސްނުކޮށް މަޝްރޫއު އަތުނުލެވޭނެ ކަމަށާއި މިއީ ގާނޫނާ މުޅިން ހިލާފަށް ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް "މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ ފިޔަވަހި އާރުޑީސީއާ އެކު ސޮއިކޮށްފައިވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގަ އެވެ.

މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު އަލީ ހިނގުން، އިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox