މެންޗެސްޓާ (ޖުލައި 4) - އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް އަންގާފައިވީ ނަމަވެސް އެ ޓީމު އޮތީ އޭނާ ދޫކޮށްލާ ގޮތަކަށް ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރޮނާލްޑޯ، 37، ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން އެ ޓީމަަށް އެންގި އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް ނިންމުމުން މި ފަހަރުގެ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބަކާ ގުޅެން ބޭނުންވާތީ އެވެ. އަދި ޔުނައިޓެޑުން ޓީމު ވަރުގަދަކުރަން ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން ކުރާ މަސައްކަތުގައި ތަފާތެއް ނުފެންނާތީ ވެސް ރޮނާލްޑޯގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެން ހާގްގެ ބެލުމުގެ ދަށުން ޓްރެއިނިންތައް ފަށާފައިވާއިރު، މިއަދަކީ މިދިޔަ މަހު ކުރީކޮޅުގައި ނޭޝަންސް ލީގުގައި ކުޅުނު ކުޅުންތެރިން ޕްރީ ސީޒަނަށް ރިޕޯޓްކުރަން ޖެހޭ ދުވަހެވެ. ރޮނާލްޑޯ ވެސް މިއަދު ޔުނައިޓެޑްގެ ޕްރެކްޓިހާ ގުޅެން ޖެހޭނެ އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ ވިއްކާނުލާނެކަން އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް އަށް އަންގައިފަ އެވެ. ޔުނައިޓެޑްގެ ވިސްނުމަކީ އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވަންދެން ރޮނާލްޑޯ އެ ކްލަބްގައި މަޑުކުރުވުމެވެ.
ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޖޯޖް މެންޑޭޒް ވަނީ ފާއިތުވި ހަފްތާތަކުގައި ރޮނާލްޑޯގެ ޓްރާންސްފާގެ މަޝްވަރާތަކެއް އެކި ކްލަބްތަކާ އެކު ކޮށްފަ އެވެ. ރޮނާލްޑޯގެ ސޮއި ހޯދުމުގެ ރޭހުގައި ބައިވެރިނުވާނެ ކަމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ވަނީ އިއުލާނުކޮށްފަ އެވެ.
މެންޑޭޒް ވަނީ ރޮނާލްޑޯގެ ޓްރާންސްފާ ކަންތަކާ ޗެލްސީއާ ވެސް ވާހަކަ ދައްކައިފަ އެވެ.
ޕޯޗުގަލްގެ މީޑިއާ އިން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި އޭނާ އެންމެ ފުރަތަމަ ކުޅުނު ސްޕޯޓިން ލިޒްބަން އަށް ބަދަލުވެދާނެ އެވެ. އެއީ ސްޕޯޓިންގައި ހުރެ ޗެމްޕިއަންސް ލީގުގައި ކުޅެވޭނެތީ އާއި މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަަޕަށް އަމިއްލަ ގައުމުގައި ހުރެ ތައްޔާރުވާން ފުރުސަތު ލިބޭނެތީ އެވެ.












