އެމެރިކާގެ ކެންޓަކީ ސްޓޭޓުގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހަރަކާތްތެރިވި ތިން ފުލުހުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
އެ ހާދިސާއަށް ފަހު ތުހުމަތު ކުރެވޭ އުމުރުން 49 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކެންޓަކީ ސްޓޭޓުގެ ކުޑަ އަވަށެއް ކަމުގައިވާ އެލެންގައި ހިނގި އެ ހާދިސާގައި އިތުރު ހަތަރު މީހުންނަށް އަނިޔާވި ކަމަށް ފްލޮއިޑް ކައުންޓީގެ ޝެރިފް ޖޯން ހަންޓް ވިދާޅުވި އެވެ.

ކެންޓަކީގެ ފަރުބަދަ މަތީ ހިސާބެއްގައި އޮންނަ އަވަށުގައި ދިރިއުޅެނީ އެންމެ 166 މީހުންނެވެ. ފުލުހުންގެ ތިން މީހުންގެ އިތުރުން، ފުލުހުންގެ ޓީމާ އެކު އުޅޭ ކުއްތާއެއް ވެސް މަަރުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެލެން އަވަށުގެ މައި މަގުގައި ހުންނަ ގެއާ ދިމާލަށް ފުލުހުން ދާން ފެށުމުން، ރައިފަލް ބަޑިއަކުން ތަކުރާރުކޮށް ހަމަލާ ދޭން ފެށި އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި ބަޑި ޖަހަމުން ދިޔަ ލޭންސް ސްޓޯޒް ހައްޔަރު ކުރީ އާއިލާ މެދުވެރިކޮށް، ފުލުހުން އޭނާއާ ވާހަކަ ދައްކައި އަމިއްލައަށް އަމާން ދިނުމުންނެވެ.










