އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ސްރީލަންކާއާ އެކު އެއްވެސް އެއްބަސްވުމަކަށް ދާން ވާނީ މަރުކަޒީ ބޭންކުގެ މިނިވަންކަން ޔަގީންކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމުން ކަމަށް އެމެރިކާގެ ސެނެޓުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބުނެފި އެވެ.
އެ ކޮމިޓީގެ ރަސްމީ އެކައުންޓުން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ، އެ އިސްލާހީ ބަދަލުތައް ނުގެންނަ ނަމަ، ސްރީލަންކާގެ އިގްތިސާދު އިތުރަށް ގޯސްވެ، ދަރަނި ކޮންޓްރޯލުން ނެއްޓިގެން ދާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި އައިއެމްއެފްގެ ވަފުދަކުން ލަންކާއަށް ދަތުރު ކުރި އެވެ. ދަތުރަށް ފަހު ވަފުދުން ނެރުނު ބަޔާނުގައި ބުނީ، އައިއެމްއެފްގެ ސިޔާސަތުތަކާ އެއް ގޮތްވާ ގޮތުގެ މަތީން، މި އުނދަގޫ ދަނޑިވަޅުގައި ލަންކާއަށް އެހީވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އައިއެމްއެފް އާއި ލަންކާ ސަރުކާރާ ދެމެދު ކުރާ މަޝްވަރާއިން ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މަޝްވަރާގެ އިތުރު ބައްދަލުވުންތައް ވާޗުއަލްކޮށް ކުރިއަށް ގެންގޮސް، އަވަސް މުސްތަގްބަލެއްގައި އެއްބަސްވުމަކަށް ދެވޭތޯ ބަލާނެ ކަމަށް ބަޔާނުގައިވެ އެވެ.










