ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުޅުމާލޭގައި ބިނާކުރި "މަސްޖިދު ރަޝީދު" ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރްސީސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސް ސޯލިހުއަށް އަރުވާފަ އެވެ.
މަސްޖިދު ރަޝީދަކީ ހުޅުމާލެ ފޭސް އެކެއްގައި 2020 ވަނަ އަހަރު ބިނާކުރަން ފެށި މިސްކިތެކެވެ. މިއީ އަލްމަރުހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ މި މިސްކިތުގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

މި މިސްކިތް ހުޅުވުމުން މިހާރު ނަމާދު ކުރަމުން ގެންދާ ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ"ގައި ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ.
އަލަށް ހުޅުވި މަސްޖިދު ރަޝީދު ހުންނަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ފަހަތުގައި އޮންނަ މަގަށްވާ ގޮތަށެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ.













