މެންޗެސްޓާ (ޖުލައި 2) - އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ، 37، އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޭޒް މީގެ ދެ ދުވަަސް ކުރިން މަޝްވަރާކުރުމަށް ފަހު ވަނީ ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭ މުހިންމު ނިންމުމެއް ނިންމައިފަ އެވެ.
ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ މެނޭޖްމަންޓަށް އޭނާ ދޫކޮށްލައިދޭން އެދިފަ އެވެ. އެއީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ދިޔައީ ލީގުގެ ހަ ވަނަ އަށް ކަމަށްވާއިރު، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ބަދަލުވާން ބޭނުންވާތީ އެވެ.
ރޮނާލްޑޯ، ކްލަބް ބަދަލުކުރަން އެދޭ އެންމެ ބޮޑު ސަބަބަކީ، ކެރިއަރުގައި ދެން އޮތް އަހަރުތަކުގައި އެންމެ މަތީ ލެވަލްގެ މުބާރާތްތަކުގައި ކުޅެން ބޭނުންވުމެވެ.
ސްޕޯޓިން ދޫކޮށް 2003 ވަނަ އަހަރު ޔުނައިޓެޑަށް އެންމެ ފުރަތަމަ ބަދަލުވި ފަހުން ކުޅުނު 19 ސީޒަނުގައި ވެސް ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ. އެކަމަކު، ކުރިއަށް އޮތް ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކޮށްފިނަމަ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހޭނެ އެވެ.
ރޮނާލްޑޯ އަށް އޮތީ ކޮން އޮފާތަކެއް؟
ޗެލްސީން ރޮނާލްޑޯ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ދާދިފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ، ދާދި ފަހުން ރޮނާލްޑޯގެ އޭޖެންޓް، މެންޑޭޒްއާ އެކު ބައްދަލުވުމެއް ބާއްވާފައިވާތީ އެވެ. އަދި ޕޯޗުގަލްގައި ބޭއްވި އެ ބައްދަލުވުމުގައި ބޯލީ ވަނީ ރޮނާލްޑޯ ބޭނުންނަމަ ޗެލްސީއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
ރޮނާލްޑޯ، އޭނާގެ މަންމަ، ޑޮލޯރެސް އަވެއިރޯ އެދޭތީ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕޯޗުގީސް މީޑިއާ އިން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރު ރޮނާލްޑޯ، ޔުނައިޓެޑާ ގުޅުމުގެ ކުރިން ސްޕޯޓިން އަށް ގެންދަން ޑޮލޯރެސް މަސައްކަތް ކުރި ކަމަށް ޕޯޗުގަލް ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން ރޮނާލްޑޯގެ ސޮއި ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ޓީމުގެ ހުށަހެޅުން ރޮނާލްޑޯ ގަބޫލުނުކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުނައިޓެޑެކޭ އެއްގޮތަށް އަންނަ ސީޒަނުގައި ރޯމާ ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާތީ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ އަލުން ރެއާލް މެޑްރިޑަށް ބަދަލުވާން އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ކުޅުނު 39 މެޗުން 24 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












