ލިވަޕޫލް (ޖުލައި 1) - ކޮންޓްރެކްޓް އާކުރަން މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހުއާ އެކު ލިވަޕޫލުން އެންމެ ފަހުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރި ސަލާހު، 30، މިއަދު ވަނީ ލިވަޕޫލާ އެކު އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމާ އެކު ސަލާހު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިވަޕޫލްގައި މަޑުކުރާނެ އެވެ.
ސަލާހު ލިވަޕޫލްގައި މަޑުކުރަން ބޭނުންވި ނަމަވެސް މިއަދާ ހަމައަށް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލްގައި މަޑުކުރަން ކިޔާ މުސާރަ އެންމެ ފުރަތަމަ އުޅުނީ ހަފްތާ އަކު 450،000 ޑޮލަރަށް ވުރެން ވެސް މަތީގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލާ އެކު މިއަދު ސޮއިކުރީ 400،000 ޑޮލަރަށް ވުރެ ބޮޑު މުސާރަ އަކަށެވެ.
ލިވަޕޫލަށް މިހާތަނަށް ކުޅެދިން 254 މެޗުން 156 ގޯލު ޖެހި ސަލާހަކީ، އެ ކްލަބްގައި ގިނަ ރެކޯޑްތަކެއް ހަދާފައިވާ ކުޅުންތެރިއެކެވެ.
ސަލާހު ބުނީ ލިވަޕޫލާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރީ މި ކްލަބާ އެކު ގިނަ ތަށިތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"މިދިޔަ ސީޒަނުގައި ވެސް އަހަރެެމެން ހަތަރު ތަށްޓައް ވާދަކުރިން. އެކަމަކު، އެންމެ ފަހު ހަފްތާތަކުގައި އަހަރެމެން އަތުން ދެ ތަށި ގެއްލުނީ، މި ޓީމު މި ދަނީ ރަނގަޅު މިސްރާބަށް، އަހަރެމެންނަށް ރަނގަޅު ކުޅުންތެރިންތަކެއް ލިބިއްޖެ،" ލިވަޕޫލްގެ މީޑިއާ ޗެނަލަށް ދިން އިންޓަވިއުގައި ސަލާހު ބުންޏެވެ.
އިޓަލީގެ އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ސަލާހަކީ ފާއިތުވި ސީޒަންތަކުގައި ލިވަޕޫލްގެ އެޓޭކްގެ މައި ކުޅުންތެރިޔާ އެވެ. ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ. ދެ ފަހަރެއްގެ މަތިން ހޯދީ އެހެން ކުޅުންތެރިންނާ ހިއްސާވާ ގޮތަށެވެ.
މިދިޔަ ސީޒަނުގައި ފުޓްބޯލް ރައިޓާސް އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމާއި ޕީއެފްއޭގެ ކުޅުންތެރިންގެ ވޯޓުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސަލާހު އަށެވެ.
ސަލާހު ވަނީ ލިވަޕޫލާ އެކު ހޭދަކުރި ފަސް އަހަރު ތެރޭ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ކްލަބް ވޯލްޑް ކަޕް، އެފްއޭ ކަޕް އަދި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ވަނީ ޑިވޮކް އޮރީގީ އާއި ސަޑިއޯ މާނޭ އަދި ޓަކޫމީ މިނަމީނޯ ދޫކޮށްލައިފަ އެވެ. ފުލަމްގެ ފަބިއޯ ކަވާލިއޯ އާއި އެބަޑީންގެ ކަލްވިން ރަމްސޭ އަދި ބެންފީކާގެ ޑާވިން ނޫނޭޒް ވަނީ ލިވަޕޫލަށް ސޮއިކޮށްފަ އެވެ. އަދި ޖޭމްސް މިލްނާ އާއި ސަލާހު މި ވަނީ ލިިވަޕޫލްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.












