"އިންޑިއާ އައުޓް" ހުއްޓުވަން ރައީސް ނެރުއްވި ރިޔާސީ ގަރާރުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅަނީ

"އިންޑިއާ އައުޓް" ހުއްޓުވަން ރައީސް ނެރުއްވި ރިޔާސީ ގަރާރުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ރިޔާސީ ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ބޭރުކޮށްލަން ކޯޓުން ނިންމި ސަބަބަކީ ޕީޕީއެމްގެ ވަކީލުންނަށް ހާޒިރުވާން ކޯޓުން އެންގުމުން ވެސް މައްސަލައިގެ އަޑުއެހުންތަކަށް ވަކީލުން ހާޒިރު ނުވުމެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އަހްމަދު ރާގިބް "އަދަދު"އަށް ވިދާޅުވި ގޮތުގައި ސިވިލް ކޯޓަށް އަލުން މައްސަލަ ހުށަހަޅާނީތޯ ނުވަތަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނީތޯއާ މެދު ގާނޫނީ ވަކީލުންގެ ޓީމުގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމަށް ފާހަގަ ކުރެވުނީ މިއީ ގާޒީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ހުކުމް ކޮށްފައިވާ މައްސަލައެއް ކަން، އެހެންވެ އަނެއްކާ ވެސް ސިވިލް ކޯޓަށް މައްސަލަ ލުމުގެ ބަދަލުގައި އަޅުގަނޑުމެނަށް ވިސްނުނީ ހައި ކޯޓުގައި އިސްތިއުނާފް ކުރާނީއޭ،" ރާގިބު ވިދާޅުވި އެވެ.

ރާގިބު ވިދާޅުވި ގޮތުގައި، މި މައްސަލައަށް ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން އައްޔަން ކުރި ހަތަރު ވަކީލުންނަށް ވެސް ހާޒިރުވާން ކޯޓުން އަންގާފައި ނެތް ކަމަށެވެ. އެ މައްސަލައަށް އިދިކޮޅު ކޯލިޝަނުން ހަމަޖެއްސި ވަކީލުންނަކީ ރަގީބުގެ އިތުރުން މުހައްމަދު އާސިފްއާއި، އާދަމް ޝަމީމްއާއި، އަލީ ޝިޔާޒް އެވެ.

"މައްސަލައިގެ އަޑުއެހުމެއް ވެސް ނުބޭއްވި މިފަދަ ގޮތަކަށް މައްސަލަ ނިންމާލުމުން، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީއަށް ހުށަހަޅަން އަޅުގަނޑުމެންގެ ޓީމުން ވާނެ ނިންމާފައި،" ރާގިބް ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ރައީސް ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގަ އެވެ.

އެ ގަރާރާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ނަގާފަ އެވެ. އެގޮތުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވެސް ފުލުހުން ވަދެ އެ ތަނުގައި ދަމާފައި ހުރި ބެނާ ވެސް ނެގި އެވެ.

ޔާމީންގެ ގެކޮޅުގައި ނަގާފައިވާ ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ. އަދި އެ އަމުރު ކޯޓުން ދީފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ވެސް ކުރި އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުން ފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކުރެ އެވެ.

މި ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް އެކުލަވާލައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް ސޯލިހްގެ އެ ސިޔާސަތުތަކާ ދެކޮޅަށް، އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox